ކިއުބާގައި ކިޔަވަން ތިބި 9 ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވައިފިއެވެ.
ކޯވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައިކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މިކަމަށް މަގުފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.
އެގޮތުން ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވެއެވެ. ކެއަރޕެކޭޖް ފޮނުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއަރޒް މިނިސްޓްރީ އަދި އެމް.އޭ.ސީ.އެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެމިނިސްޓްރީއިން ބުނެފައިވެއެވެ.
މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖްތައް ފޮނުވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!