ކޯވިޑް-19 ބަލި މަޑުކަމުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައި ވަނިކޮށް ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ދަރަނި އިތުރުވެގެން ދަނީ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އެރުން ގާތް ކަމަށް ވިދާޅުވެ ސައީދު ކުރި ޓުވީޓެއްގައި ވަނީ ކަންބޮޑޫވުން ފާޅު ކުރަށްވާފައި އެވެ.
އެ ޓްވީޓެއްގައި ސައީދު ވިދާޅުވީ ބޮޑު ވަބާއެއް ތެރޭ ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައި ވަނިކޮށް ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ގައުމު ދަރުވާލުމަކީ ޒިންމާދާރުކަމުގެ ކަންފުޅެއް ވެސް ނެތުން ކަމަށެވެ.
ރައިސް ޞާލިޙާއި، މަޖިލިސް ރައީސް، ރައީސް ނަޝީދު ޓެގް ކުރަށްވާ ކުރަށްވާފައިވާ އެ ޓުވީޓުގައި އިތުރަށް ވިދާޅުވީ "ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އެރުން ގާތް" ކަމަށެވެ.
Bodu vabaa eh therey dhuniyeyge iqthisaadhu indhajehifai vanikoh, Raajjeyge siyaadhathah nurakkaa vaa minvarah gaumu dharuvaalumakee zimmaadhaaru kamuge kanfulhevves nethun. Raajjey ge dharani 100B ah erun gaaiy. @ibusolih @MohamedNasheed mihaaru dhara’nnah kanbodu nuvaneetho?
— Mohamed Saeed (@em_saeed) August 13, 2020
ސައީދު މިމޭރުމުން ޓުވީޓު ކުރަށްވާފައިވާއިރު ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު (3.9 ބިލިއަން ރުފިޔާ) ރާއްޖެއަށް ދޭން ނިންމައިފި ކަމަށް އިއްޔެވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައެވެ.
މީގެ އިތުރުން މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން 500 މިލިއަން ޑޮލަރު ދޭން ނިންމިއިރު، މީގެ ތެރޭގައި ހިލޭ އެހީ އާއި ލޯނު ހިމެނެއެވެ.
އިންޑިއާއިން ރާއްޖެ އަށް ދޭން ނިންމައިފައިވާ 800 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12.3 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ބޮޑު ހަތް މަޝްރޫއެއް ހިންގުމާ ގުޅޭގޮތުން ވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އިއްޔެ ވަނީ މަޝްވަރާ ކުރައްވާފައި އެވެ.
ކޯވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ، އިންޑިއާގެ މަރުކަޒީ ބޭންކް ރިޒާވް ބޭންކު އޮފް އިންޑިއާޔާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފަ އެވެ.
ނިމިދިޔަ ސަރުކާރުގައި ވެސް ވަނީ ސިނަމާލެ ބުރިޖުގެ އިތުރުން، ރާއްޖޭގެ މައި އެއަރޕޯޓު ތަރައްޤީ ކުރުމަށާއި، ހުޅުމާލޭ ތަރައްޤީ ކުރުމަށާއި، އަދި ހައުސިންގ މަޝްރޫޢުތަކަށާއި، މިނޫންވެސް ކަންކަމަށް ޗައިނާއިން ގިނަ ލޯނުތަކެއް ނަގާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!