ކޯވިޑް-19 އަށް ރަޝިއާއިން އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފެށުމާއިއެކު އެންމެ ފުރަތަމަ ބޭނުން ކުރަން ހުއްދަ ލިބުނު ކޯވިޑް ވެކްސިންގެ ގޮތުގައި ރަޝިޔާގެ ކޯވިޑް-19 ވެކްސިން ހިމެނިއްޖެއެވެ.
ރަޝިއާއިން ކޯވިޑާއި ދެކޮޅަށް އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން މިއަދު ވަނީ ރަސްމީކޮށް ޢިއުލާން ކުރަށްވާ ފައިއެވެ.
އެކަން ހާމަކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ އެ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށާއި، ކޮރޯނާވައިރަހުން ދިފާއުވުމުގެ ބާރު އެ ވެކްސިންގައި ހުރިކަމަށެވެ.
"މިއަދު ހެނދުނުގެ ވަގުތެއްގައި މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ކޯވިޑާއި ދެކޮޅަށް ބޭނުން ކުރާނެ ވެކްސިނެއް ވަނީ ރަޖިސްޓަރ ކުރެވިފައި" ރަޝިޔާ ސަރުކާރުގެ މިނިސްޓަރުންނާއި އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވިއެވެ. އަދި ވެކްސިން ދޭން ފެށި އެކަކީ އެމަނިކުފާނުގެ ދަރިކަނބަލުންކަމަށް ވެސް ޕުޓިން ވަނީ ވިދާޅުވެފައެވެ.
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެންމެ ފުރަތަމަ މިވެކްސިން ދޭނީ ސިއްހީ މަސައްކަތްތެރިންނާއި، ޓީޗަރުންނާއި އަދި ހައިރިސްކު ގްރޫޕްތަކަށް ކަމަށެވެ.
ރަޝިޔާ އަކީ މުޅި ދުނިޔެ އިން ވެސް މި ބައްޔާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުކޮށް ރަޖިސްޓަރ ކުރި ފުރަތަމަ ގައުމެވެ. ނަމަވެސް ރަޝިޔާ އިން އުފެއްދި ވެކްސިނާއި މެދު ހުޅަނގުގެ ބައެއް ގައުމުތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ބައެއް މަރުހަލާތަކަށް ވަގުތު ދީގެން ފުރިހަމަ ކުރުމުގެ ބަދަލުގައި ރަޝިޔާ އިން އަވަސް އަރުވާލައިގެން ވެކްސިން ނިންމައިފި ނަމަ އޭގެ ރައްކާތެރިކަމުގެ އިތުރުން ވެކްސިން ކާމިޔާބު ނުވެދާނެތީ،" ޖޯޖްޓައުން ޔުނިވާސިޓީގެ ގްލޯބަލް ޕަބްލިކް ހެލްތުގެ ގާނޫނީ މާހިރެއް ކަމަށްވާ ލޯރެންސް ގޮސްޓިން ރަޝިޔާއިން އުފެއްދި ވެކްސިނާއިމެދު ކަންބޮޑުވުން ފާޅު ކުރަމުން ވިދާޅުވެފައި ވެއެވެ.
ނަމަވެސް މިއަދުވެސް ރަޝިޔާގެ ރއަީސް ޕުޓިން ވިދާޅުވީ ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާގެ ނަތީޖާތައް ވަރަށް ރަނގަޅު ކަމަށާއި ވެކްސިން ރަޖިސްޓަރ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ޓެސްޓުތަކެއް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!