އިނގިރޭސިވިލާތުގައި ބަކަމޫން ބަލަހައްޓާ ޚާއްޞަ ސަފޯކް އައުލް ސެންކްޗުއަރީ އަށް ގެނެވުނު ކުޑަ ބަކަމޫނެއް އެތަނަށް ގެނެވުނު އިރު އޭގެ ބަރުދަން މާ އިތުރުވެ ފަލަވެފައިވުމުން ވަނީ ނުއުދުހެވިފައެވެ.
އިންގްލޭންޑްގެ އާންމުރައްޔިތަކަށް މި ބަމޫނު ވަޅުގަނޑެއްގެ ތެރެއިން ފެނުމުން އެއަށް އަނިޔާ ވެފައިވާކަމަށް ހީކޮށްވަނީ " ހެޑް ފެލްކޮނަރ ރޫފަސް ސަމްކިން" އަދި އޭނާގެ ޓީމަށް ވަނީ އެކަން ރިޕޯރޓްކޮށްފައެވެ. އެމީހުން ފުރަތަމަ ހީކުރީ ވަޅުގަނޑުތެރޭގައި ބަކަމޫނު ތެމިގެން އޮތުމުން އުދުހުމުގައި ދަތިތަކެއް ހުރީ ކަމަށެވެ. ނަމަވެސް ބަކަމޫނު ހިއްކާލުމަށްފަހު ޗެކަޕްހެދުމުން ވަނީ ބަކަމޫނެއްގެ އާންމު ބަރުދަނަށްވުރެއް ބަރުދަން އިތުރުވުމުގެ ސަބަބުން އުދައްސައި ނުގަނެވުނުކަން އެނގިފައެވެ.
މި ބަކަމޫނުގެ ބަރުދަނުގައި 245 ގްރާމް ހުއްޓެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި ބަކަމޫނެއްގެ ބަރުދަނާބަލާފައި މިބަކަމޫނުގެ ބަރުދަން މާބޮޑަށްވެސް އިތުރުވެވެ. އަދި މި ބަކަމޫނަށް އިންސާނެއްގެ އެހީތެރިކަމާއި ނުލާ ނޫޅެވޭވަރަށް ފަލަވެފައިވާކަމަށް އެމީހުންވަނީ ހާމަކޮށްފައެވެ.
ބަކަމޫނެއްގެ ބަރުދަން މިހާބޮޑުތަން އިތުރުވާން ޖެހުނީ ކިހިނެއްކަމާއި މެދު ސެންކްޗުއަރީގެ އޮފިޝަލުން ވަނީ ސުވާލު އުފެދިފައެވެ. އެހެންކަމުން 3 ހަފްތާ ވަންދެން ބަކަމޫން މޮނީޓަރ ކުރުމުން އެނގުނީ މިބަކަމޫނަކީ ގުދުރަތީ ގޮތުން މާބޮޑަށް ފަލަވާ ބަކަމޫނެއްކަމެވެ.
ސެންކޗުއަރީ އިން މިބަކަމޫންގެ ބަރުދަން ލުއިކުރުމަށް ޚާއްޞަ ޑައިޓަކާއި ކަސްރަތު ޕްރޮގްރާމެއް ފެށިއެވެ. އަދި ބަކަމޫނަށް އުދުހި އުޅެން ފަރިތަކުރުވުމަށް ޚާއްޞަ ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގެ އެހީގައި 2 ހަފްތާތެރޭގައި ބަކަމޫންގެ ގައިންވަނީ 30 ގްރާމް ލުއިވެފައެވެ.
އޮފިޝަލުން ބުނިގޮތުގައި އާންމުކޮށް މިގޮތަށް ފެނިގެން ސެންކްޗުއަރީ އަށް ގެނެވޭ ބަކަމޫނަކީ ކާން ނުލިބި މާބޮޑަށް އަނަރޫފަވެފައި ތިބޭ ބަކަމޫނެވެ. ނަމަވެސް މިފަހަރު ފެނިފައި މިވަނީ ތަފާތު ބަކަމޫނެއް ކަމަށެވެ. މިހާރު ބަކަމޫން ވަނީ ހަށިގަނޑު ހިއްކުމަށްފަހު ރަނގަޅަށް އުދުހިއުޅެވެން ފެށުމުން އިންގލޭންޑްގެ ޖަނގަލީގެ ގަސްތަކުތެރެއަށް މިނިވަންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!