ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާސެލޯނާއާއި ބަޔާން މިޔުނިކް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ނަޕޯލީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފައެވެ. އެ މެޗު ނަޕޯލީގެ ދަނޑުގައި ކުޅެފައިވުމުން ދެވަނަ ލެގުގެ މެޗު، ރޭ ކުޅެފައިވަނީ ބާސެލޯނާގެ ދަނޑުގައެވެ. ރޭގެ މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއި އެކު 4-2 ގެ އެގްރިގޭޓުން ނަޕޯލީ މައްޗަށް ކުރި ހޯދައިގެން ބާސެލޯނާވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބާސާއިންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރ ކްލެމެޓް ލޯންގްލޭއެވެ. މެޗުގެ 30 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސާއިންވަނީ މެޗުގެ ނަތީޖާ 2-0 ބަދަލުކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ބާސާއިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑަކީ މެސީއަށް ނަޕޯލީގެ އޭރިއާގެ ތެރެއިން ނޕޯލީގެ ޑިފެންޑަރ ކޫލިބަލީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފޯވާޑް ލުއިސް ސުއަރޭޒެވެ.
މެޗުގައި ފެނިގެން ދިޔަ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މިގޮތުން ނަޕޯލީއަށް އެ ޓީމުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ލޮރެންޒޯ އިންސީނިއޭއެވެ.
ރައުންޑް އޮފް ސިކްސްޓީންގައި ރޭގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ޗެލްސީއެވެ. ރޭގެ މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ބަޔާން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. ރޭގެ މެޗު ބަޔާނުން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ޗެލްސީ ދަނޑުގައި ބައްދަލު ކުރި މެޗު 3-0 ގެ ނަތީޖާއަކުން ބަޔާން ކާމިޔާބު ކޮށްފައި އޮތުމުން، ބަޔާން މުބާރާތުގެ ކުއާޓާއަށް ދަތުރު ކޮށްފައިވަނީ 7-1 ގެ އެގްރިގޭޓުންނެވެ.
ރޭގެ މެޗުގެ 10 ވަނަ މިނެޓްގައި ބަޔާންގެ ފޯވާޑް ލެވަންޑޯސްކީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި އިރު، އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޕެރިސިޗެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބު ކޮށްފައިވަނީ އެ ޓީމުގެ ފޯވާޑް އަބްރަހަމްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-1 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
މުޅި މެޗުގައި ވެސް ބަޔާނުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ބަޔާނުން މެޗުގައި އެ ޓީމުގެ ލީޑު ދެވަނަ ފަހަރަށް ފުޅާކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓޮލީސޯއެވެ. މެޗުގައި އެ ޓީމުން ޖެހި ހަތަރުވަނަ ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ލެވަންޑޯސްކީއެވެ.

ކުއާޓާގެ މެޗުތައް އަންނަ ބުދަދުވަހުގެ ރޭ ފެށުމަށް ތާވަލު ކުރެވިފައިވާއިރު ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެއް ލެގަށެވެ. މި މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގެ ލިޒްބަންގައެވެ. ކުއާޓާ ފައިންލްގައި ޓީމުތައް ޓީމުތައް ވާދަކުރަން ޖެހޭ ގޮތަށް ބަލައިލާއިރު އިޓަލީގެ އެތްލާންޓާ ބައްދަލު ކުރާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެވެ. ޖަރުމަންގެ އާރުބީ ލެއިޕްޒީގް އެތުލެޓިކޯ މެޑްރިޑާ ބައްދަލު ކުރާއިރު، ބާސްލޯނާ ބައްދަލު ކުރަން ޖެހެނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއެވެ. އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ބައްދަލު ކުރާނީ ލިޔޯންއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!