ލުބުނާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތެއް!

lubunan

ލުބުނާނުގެ ވެރިރަށް ބޭރޫތްގައި ބާރުގަދަ ގޮވުމެއް ގޮވައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަޖެންސީ ރިލީފް ކެމްޕޭނެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ފަށައިފިއެވެ.

އޮގަސްޓް 4 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ލުބުނާނުގެ ވެރިރަށް ބޭރޫތްގެ ބަނދަރު ސަރަހައްދުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާގައި 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 6000 އާއި ގާތްކުރާ އަދަދެއްގެ ރައްޔިތުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހާދިސާއާއި ގުޅިގެން ގެދޮރު ގެއްލުނު ރައްޔިތުންގެ އަދަދު 3 ލައްކައަށް އަރައެވެ. މި ހަދީސާއާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް އާއިލާއާއިއެކު ދިރިއުޅެމުން އަންނައިރު، ބައެއް ފަރާތްތައް ވަނީ އެމީހުންގެ އަވަށައް ބައްދަލުވެފައެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ ފަރާތްތަކުން އަދިވެސް އަންނަނީ މި ގޮވުމުގެ އަސަރުކޮށް ހަލާކުވި އެމީހުންގެ ގެދޮރުތަކުގައި ދިރިއުޅެމުންނެވެ. މީގެއިތުރުން މި ހަދިސާއާއި ގުޅިގެން ބޭރޫތުގެ ގިނަ ހޮސްޕިޓަލްތަކެއް ފުރި، އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ލިބުމަށް ހުރަސްތަކަކަށާއި ކުރިމަތިވެފައިވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ފަށާފައިވާއިވާ ރިލީފް ކެމްޕޭނުގެ ޒަރިއްޔާއިން، ބޭރުތްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން މި ވަގުތު އެންމެ ބޮޑަށް ބޭނުންވާ ކާބޯތަކެތިއާއި، ފަސްޓް އެއިޑް އަދި ސާފުކުރުމަށް ބޭނުންވާ ތަކެތި މި ކެމްޕޭނުގެ ޒަރިއްޔާއިން ލިބޭ ޑޯނޭޝަން މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން، މި ފަންޑު މެދުވެރިކޮށް ވަގުތީ ހިޔާ ފޯރުކޮށްދިނުމާޢި، ބޭސްފަރުވާ އަށް އެހީތެރިކަން ދިނުމުގެ އިތުރުން، ތުއްތުކުދިންނަށާއި އެހެނިހެން ފަރާތްތަކަށް ނަފްސާނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެކި ގިންތިތަކަކަށް ބަހާލައިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކުރިޔަށްގެންދާ މި ރިލީފް ޕްރޮޖެކްޓްގެ ދަށުން، ބޭރޫތްގައި ގެދުރޮ ހަލާކުވި ފަރާތްތަކުގެ ގެދޮރު އަލުން މަރާމާތް ކުރުމާއި އެ ފަރާތްތަކުގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވެއެވެ.

ބޭރޫތުގައި ހިނގި މިހަދީސާގައި ގެދޮރުގެއްލި މަގުމަތިވެފައިވާ ފަރާތްތަކާއި އަނިޔާ ލިބި އެހީއަށް އެދެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ދިވެހި ރައްޔިތުންނަށް އައިއޭސީގެ އެމަޖަންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް ޑޮނޭޓް ކުރެވޭނެއެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 މެދުވެރިކޮށް މަޢުލޫމާތު ލިބޭނެއެވެ. މީގެއިތުރުން އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ އަށް މެސެޖެއް ފޮނުވާލެވިދާނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އެކި ހާދިސާތަކައި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މި ކެމްޕޭނުގެ ޒަރިއްޔާއިން ލުބުނާނުގައި މި ދަނޑިވަޅުގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ނިކަމެތި ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *