މިހިނގާ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ބާރުގަދަ ގޮވުމެއް ގޮވައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނު ( އައިއޭސީ)އިން ފަށައިފިއެވެ.
މިގޮތުން އައިއޭސީއިން ވަނީ ބެއިރޫތްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރިލީފް ކެމްޕޭނެއް ފަށައިފައެވެ.
ގޮވުމުގެ ސަބަބުން ބޭރޫތުގައި އެހީއަށް ބޭނުންވެފައިވާ މީހުންނަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވާ ކާބޯތަކެތިއާއި، ފަސްޓް އެއިޑް އަދި ސާފުކުރުމަށް ބޭނުންވާ ތަކެތި މި ކެމްޕޭނުގެ ޒަރިއްޔާއިން ލިބޭ ޑޯނޭޝަން މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް އައިއޭސީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މި ފަންޑު މެދުވެރިކޮށް ވަގުތީ ހިޔާ ފޯރުކޮށްދިނުމާއި، ބޭސްފަރުވާ އަށް އެހީތެރިކަން ދިނުމުގެ އިތުރުން، ތުއްތުކުދިންނަށާއި އެހެނިހެން ފަރާތްތަކަށް ނަފްސާނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އައިއޭސީން ބުނެއެވެ.
ގިންތިތަކަކަށް ބަހާލައިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކުރިޔަށްގެންދާ މި ރިލީފް ޕްރޮޖެކްޓްގެ ދަށުން، ބޭރޫތުގައި ގެދޮރު ހަލާކުވި ފަރާތްތަކުގެ ގެދޮރު އަލުން މަރާމާތު ކުރުމާއި އެ ފަރާތްތަކުގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ބޭރޫތުގައި ހިނގި މިހަދީސާގައި ގެދޮރުގެއްލި މަގުމަތިވެފައިވާ ފަރާތްތަކާއި އަނިޔާ ލިބި އެހީއަށް އެދެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ދިވެހި ރައްޔިތުންނަށް އައިއޭސީގެ އެމަޖަންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް ޑޮނޭޓް ކުރެވޭނެކަމަށް އައިއޭސީން ބުނެއެވެ.
މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 މެދުވެރިކޮށް މަޢުލޫމާތު ލިބޭނެކަމަށާއި އަދި އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ އަށް މެސެޖެއް ފޮނުވާލައިގެން ވެސް ބޭނުންވާ މައުލޫމާތު ލިބޭނެއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އެކި ހާދިސާތަކައި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ލުބުނާނުގެ ބަނދަރު ސަރަޙައްދުގައި ހިނގި ބާރުގަދަ ގޮވުމާއި ގުޅިގެން ލުބްނާނުގެ ރައީސް މިޝެލް އައުން ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ ބަނދަރުގެ ގުދަނެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެންނެވެ. އަދި ގަސް ކާނާ އާއި ބޮން ހަދަންވެސް ބޭނުން ކުރާ އެ ކެމިކަލް ރައްކާކޮށްފައި ހުރީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅަ އެވެ.
އެހެންކަމުން އެ މައްސަލައިގެ ތަހުގީގަށް ގޭ ބަންދުގައި ބައިތިއްބާފައި ވަނީ 2014 ވަނަ އަހަރުގެ ފަހުން އެ ގުދަނުގައި ރައްކާކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓާ ގުޅުން ހުރި ކަންތައްތައް ބެލެހެއްޓި ޕޯޓް އޮފިޝަލުން ކަމަށް އިންފޮމޭޝަން މިނިސްޓަރު މަނާލް އަބްދުލް ސަމަދު ވިދާޅުވި އެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެ ކެމިކަލަކީ 2013 ވަނަ އަހަރު ލުބުނާން ހިފެހެއްޓި ބޯޓެއްގައި ހުރި ތަކެއްޗެވެ. އަދި އެ ކެމިކަލްތައް ބޭރޫތުގެ ބަނދަރުގައި ރައްކާކޮށްފައި ހުންނަތާ ހަ އަހަރު ވެދާނެ އެވެ.
ބޭރޫތު ޕޯޓާއި ކަސްޓަމްސްގައި އިސްކޮށް ހުންނަވާ ބަދުރީ ދަހިރު ވިދާޅުވި ގޮތުގައި ކަސްޓަމްސްއިން ވަނީ ބަނދަރުގެ ރައްކާތެރިކަމަށްޓަކައި އެ ކެމިކަލް ގައުމުން ބޭރު ކުރުމަށް ނުވަތަ ވިއްކާލުމަށް އެދި ޖުޑިޝަރީއަށް އެތައް ފަހަރަކު ސިޓީ ފޮނުވާފަ އެވެ. އަދި އެ ފިޔަވަޅު ނޭޅި ސަބަބު ހޯދަން މައްސަލައިގެ ތަހުގީގަށް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ގޮވުމުގެ ސަބަބުން މިހާތަނަށް 135 މީހަކު މަރުވެ، 4000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. އަދި އެ ސަރަަހައްދުގައި ހުރި އިމާރާތްތައް ބޭނުން ނުކުރެވޭ ވަރުވެ، ގާތްގަނޑަކަށް 300،000 މީހުން ވަނީ މަގުމަތިވެފަ އެވެ. ބޭރޫތުގެ ގަވަރުނަރު ލަފާ ކުރައްވާ ގޮތުގައި އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ފަސް ބިލިއަން ޑޮލަރަށް ވުރެ އިތުރުވެދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!