މޮރިޝަސްގެ ފަރަކަށް އަރާފައިވާ ޖަޕާނުގެ ތެޔޮ ބޯޓަކުން ކަނޑަށް ތެޔޮ ބޭރުވާން ފެށުމާއެކު އެ ގައުމުގައި ތިމާވެށީގެ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.
މޮރިޝަސްއިން ބުނި ގޮތުގައި ފާއިތުވި ޖުލައި މަހުގެ 25 ވަނަ ދުވަހު ފަރަށް އަރާފައިވާ އެމްވީ ވަކަޝިޔޯގައި 4000 ޓަނު ތެޔޮ އެބަހުއްޓެވެ. އަދި އެ ބޯޓުގައި ވަނީ ރެނދުލާން ފަށާފައެވެ. އަދި މީސްމީޑިޔާއި ހިއްސާކުރަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮނޑުދޮަށަށް ތެލުގެ އަސަރު ވަނީ ކުރަން ފަށާފައެެެވެެ.
މި ބޯޓު ކައިރީ ފެންމަތީގައި ބޮޑު ތެޔޮގަނޑެއް ފެތުރެމުންދާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ އިރު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ގަޖަނައުތު ވިދާޅުވީ މައްސަލައަކި ވަރަށް ހައްސާސު މައްސަލައެެއް ކަމުގައެވެ. އަދި އަވަށްޓެރި ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށްވެސް އެގައުމުން ގޮވާލާފައިވެއެވެ.
"ފަރަށް އަރާފައިވާ އާގުބޯޓުތައް ފުންކުރުމުގެ ވަސީލަތާއި ތަޖުރިބާއެއް އަޅުގަނޑުމެންގެ ނެތް. އެހެންކަމުން، އަޅުގަނޑު ވަނީ ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން އަރިހުގައި އެހީއަށް އެދި ދަންނަވާފައި."
ބޮޑުވަޒީރު ޖަގަނައުތު ވިދާޅުވިއެވެ.
އެފްރިކާގެ އިރުމަތީ ބިތާ ދިމާއަށް އިންޑިޔާ ކަނޑުގައި އޮންނަ މޮރިޝަސް އަކީ އެ ގަައުމުގެ އިގްތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގައުމެކެވެ. ދޮންވެލި ގޮނޑުދޮށްތަކާއި، ފަރުތައް ތަޣައްޔަރުވެ ހަލާކުވުމަކީ އެގައުމުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!