ކާށިދޫން މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދުގެ ވަގުތެއްގައި ކާށިދޫން މީހަކު ހައްޔަރުކޮށް އޭނާގެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހާއަކީ ފުލުހެއް ކަމަށްވާއިރު، އޭނާ އަކީ ޗުއްޓީ އަށް ކާށިދޫ އަށް އައިސް ހުރި އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޔޫރިން ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް ދީފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!