އިންޑިއާގެ އަޔޯދިޔާގައި ބާބްރީ މިސްކިތް ތަޅާލި ބިމުގައި ހިންދޫންގެ ފައްޅިއެއް އެޅުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބިންގާއަޅައިފިއެވެ.
ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 310 މީހަކު ބައިވެރިވި މި ރަސްމިއްޔާތުގައި މޯދީގެ އިތުރުން އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތާއި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް މެމްބަރުން ބައިވެރިވިއެވެ.
'އަޔޯދިޔާ ރާމް ފައްޅީ'ގެ ބިންގަލެއްގެ ގޮތުގައި މޯދީ ބޭއްވެވީ ރިހިން ހަދާފައިވާ، 40 ކިލޯގެ ގަލެކެވެ. ތިން ފަންގިފިލާ ހުންނަ ގޮތަށް ހަދަން ހަމަޖެހިފައިވާ އެ ފައްޅި އަޅަން ތިން އަހަރު ނަގާނެ ކަމަށް ފައްޅި ޑިޒައިން ކުރި ފަރާތުން ބުންޏެވެ.
ބާބްރީ މިސްކިތް ނުވަތަ 'ބާބްރީ މަސްޖިދު' ގެ މައްސަލައަކީ އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު އެތައް އަހަރުތަކެއް ވަންދެން ދެބަސްވުން އުފެދި އެތަކެއް ހަމަނުޖެހުމެއް ކުރިމަތިވެފައިވާ މައްސަލައެކެވެ.
ބާބްރީ މިސްކިތަކީ މީލާދީން 1529 ވަނަ އަހަރު މުޣުލް ރަސްގެފާނު ބާބަރް ބިނާކުރެއްވި މިސްކިތެކެވެ. ހިންދޫން ދައުވާކުރާ ގޮތުގައި އެ މިސްކިތް ބިނާކޮށްފައިވަނީ އެމީހުންގެ ކަލާނގެ ރާމް އުފަންވި ބިމުގައި ރާމްގެ ހަނދާނުގައި އަޅާފައި ހުރި ފައްޅިއެއް ތަޅާލައި އެ ފައްޅީގެ މަތީގައެވެ. އެހެންކަމުން، އެ މިސްކިތް ތަޅާލައި އެތަނުގައި ފައްޅިއެއް ބިނާކުރަން ހިންދޫން ކުރިންވެސް މަސައްކަތް ކޮށްފައި ވެއެވެ. ހައްދު ފަހަނައަޅާފައިވާ ހަރުކަށި ހިންދޫން ނުކުމެ އެ މިސްކިތް ތަޅާލާފައި ވަނީ 6 ޑިސެންބަރު 1992 ގައެވެ.

ހަރުކަށި ހިންދޫން ނުކުމެ ބާބްރީ މިސްކިތުން 1992 ވަނަ އަހަރު ތަޅާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި ވަނީ 2،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ކޯޓުން ބުނެފައިވާ ގޮތުގައި ބާބްރީ މިސްކިތް ތަޅާލީ ގާނޫނާ ޚިލާފަށެވެ.
މުސްލިމުން ބުނަމުން ދަނީ ޑިސެމްބަރު 1949 އާ ހަމައަށް އެ މީހުން އެ މިސްކިތުގައި ނަމާދު ކުރަމުން ދިޔަ ކަމަށެވެ. އޭގެ ފަހުން ހިންދޫން ވަނީ އެ މިސްކިތުގައި ބުދެއް ބަހައްޓައި އަޅުކަން ކުރަން ފަށައިފަ އެވެ.
ބާބްރީ މިސްކިތަކީ މީލާދީން 1519ވަނަ އަހަރު އިންޑިޔާގެ ބޮޑު ބައެއްގައި ވެރިކަންކުރި އިސްލާމީ ރަސްކަލެއްކަމަށްވާ ޝާހް ޒަހީރުއްދީން މުހައްމަދު ބާބަރް ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް، އެ މިސްކިތް ބިނާކޮށްފައިވަނީ އެތަނުގައި ހުރި ހިންދޫންގެ ފައްޅިއެއް ތަޅާލައި އެ ފައްޅީގެ މަތީގައިކަމަށް ހިންދޫން އަބަދުވެސް ދައުވާކުރެއެވެ.
އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ އަޔޯދިއާގެ ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!