ވ. ރަކީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފި އެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި ، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުން ހިމެނެއެވެ.

Ad
rt

18,511,404.34 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 349 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 1 އޮކްޓޯބަރ 2019 ގައެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 18.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ސަތޭހައެއްހާ މީހުންވެސް ހަމަ ނުވާ ރަކީދޫގެ އިގްތިސާދުގެ ބަލިކަށިކަމުން މީގެ ކުރިން އެ ރަށުގެ މީހުންގެ އާދޭހަކަށްވީ އަސާސީ ހިދުމަތް ލިބޭ އެހެން ރަށަކަށް މީސްކޮޅު ބަދަލުކޮށްދިނުމެވެ. ރަށުން ލިބޭ ސިއްހީ ފަރުވާ ވަރަށް ވެސް ދަށެވެ. ސްކޫލު ބަންދު ކުރިތާ އަހަރުތަކެއް ވެއްޖެ އެވެ. ރަށުގެ 300އެއްހާ މީހުންގެ ތެރެއިން ގިނަ މީހުން އުޅެނީވެސް ވ. އަތޮޅުގެ އެހެން ރަށްރަށުގައި އާއި މާލެ އަށް ހިޖުރަކޮށްގެންނެވެ.