ބަންދުގައި ހުއްޓާ ނިޔާވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާގެ ޖަނާޒާ މިއަދު މެންދުރު 13:00 ގައި އާ ސަހަރާ މިސްކިތުގައި އޮންނާނެއެވެ.
ޔާސިރު ޔަހްޔާގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު 13:00 ގައި މަސްޖިދު ތަޢާވުން އާ ސަހަރާ މިސްކިތުގައެވެ.
އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔާސިރު ޔަހުޔާ ނިޔާވީ މިދިޔަ އާދިއްތަދުވަހުގެ ހަވީރު 4:25 ކަން ހާއިރުއެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ބުނެފައެވެ.
އިމިގްރޭޝަނާ، ކަރެކްޝަނަލް ސަރވިސްގެ އިތުރުން ފުލުހުންވެސް ވިދާޅުވެފައިވަނީ ޔާސިރު ޔަޙްޔާ ޞާލިޙް މުތީއު ރާއްޖެއިން ފުރުވާލުމަށް އެކިފަހަރު މަތިން ކުރި މަސައްކަތް ނާކާމިޔާބުވީ އޭނާ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ނުދިނުމުންކަމަށެވެ. އަދި ޔާސިރު ޔަހްޔާ ބަންދުކުރީ ރާއްޖެއިން ފުރައިގެން ދިއުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަންކޮށްފައި ނުވާތީކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާއި ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ވިދާވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ތަހްގީގަށް ގެނެވެފައިވާ ދިވެހިންނާއި ޔާސިރު ޔަހްޔާ ގުޅުން ބަދަހިކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީނާއަކީ އޭނާގެ އުފަން ޤައުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެއްކަމަށާއި އަދި ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށްފައިވާ މީހެއްކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ދިވެއްސަކާއި ކައިވެނިކޮށްގެން އުޅެ، ބައެއް ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުންދިޔަ ޔާސިރު 2017 ވަނަ އަހަރުގެ ތެރޭގައި ހައްޔަރުކުރެވުނީ އޭނާގެ ފަރާތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެއެވެ. އެ މައްސަލައިގައި އޭނާގެ ވިސާ ކެންސަލްކޮށް، އޭނާ ފުރުވާލުމަށްވެސް ސަރުކާރުން މަސައްކަތް ކުރިއެވެ.
ޔާސިރު ވަނީ ބަންދުގައި ހުރެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުތަކެއްވެސް ފަށާފައެވެ. މިކަމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. އޭނާގެ މައްޗަށް މިހާތަނަށް އެއްވެސް މައްސަލައެއްގައި ދައުވާއެއްވެސް އުފުލިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ޔާސިރުގެ ބަލި ހާލަތު ގޯސްވެ، އޭނާ ވަނީ އެނދުމަތި ކުރެވިފައެވެ. މިކަމާއި ގުޅިގެން އޭނާ ގެއަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އާއިލާއިން އެދުނު ނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ކުރެވެން ނެތްކަމަށް ބުނެފައެވެ.
ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކޮށް ބަންދުގައި ހުއްޓާ ނިޔާވި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް އަކީ މުޖުތަމައު އަށް ހުރި ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުމުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް އޭނާގެ އާއިލާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
އާއިލާގެ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖެއިން ފުރައިގެން ދިއުމަށް ސަރުކާރުން ޔާސިރަށް އެންގި ކަމަށް ބުނާއިރި ތިން އަހަރު ވަންދެން މެރީޖު ވިސާ ދިނުމަށްފަހު އަދި އެ ވިސާ ކެންސަލް ނުކޮށް އެއްވެސް ފިޔަވަޅެއް ޔާސިރަށް އަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ބުނާ ބުނުމުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.
ޔާސިރު ނިޔާވިއިރު ދިވެހި އަންބަކާއި ކުޑަ އަންހެންކުއްޖަކު އެބަހުއްޓެވެ. ޔާސިރު ޔަޙްޔާ ނިޔާވިއިރު އެނާގެ އުމުރަކީ 45 އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!