މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ފެންބިލު ދައްކައިގެން 1،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

ޤައުމީ ފެން ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި "1ހާސް 1ހާސް!" ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި 10 ފަރާތެއް ހޮވާނެއެވެ. މިގޮތުން ކޮންމެ ހަފްތާއަކުން ގުރުއަތުން ހޮވޭ މީހަކަށް 1000، ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.

Ad
rt

އިއްޔެއިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަނަކީ މާލޭ ސަރަހައްދުގެ އިތުރުން އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުއްޓާއި ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ކަސްޓަމަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ފެން ކުންފުނިން ބުނީ ހުރިހާ ފެންބިލަކަށް ފައިސާ ދައްކައިގެންނާއި ވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކާ މީހުންނަށްވެސް ޕްރޮޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މީގެ އިތުރުން، ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކާއި ނަގުދު ފައިސާ އިން ވެސް ބިލް ދެއްކޭނެ އެވެ.