ޤާނޫނީ ކުށެއް!

Southside-Pain-depression-1280x720

Picture of ޢާޠިފާ ޒަކަރިއްޔާ

ޢާޠިފާ ޒަކަރިއްޔާ

ނޫރަލީގެ ހއ. މާރަންދޫ

އާދައިގެ މަތިން އަތޮޅުވެރިޔާ އުޅުއްވަމުން ގެންދަވަނީ އެކިއެކި ކަންކަން ހައްލުކުރެއްވުމުގައި އަވަދިނެތިއެވެ. އަތޮޅުގެ ތަރައްޤީއަށް ކުރަން ހުރި މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާތައްކުރެއްވުމާއި އެކި ކަންކަމުގައި އަތޮޅު އޮފީހަށް އާއްމުން ހުށައަޅާފައިވާ ޝަކުވާތަކަށް ހައްލެއް ހޯއްދަވައި ދެއްވުމުގައެވެ. އަތޮޅު އޮފީހުގެ އެހެން މުއައްޒަފުން ވެސް އަތޮޅުވެރިޔާގެ ލަފާފުޅާ އެއްގޮތަށް ކަންތައްތައް ހަމަޖެއްސުމުގައި ކޮޅުކޮޅަށް ހެލިފެލިވަމުން ގެންދެއެވެ. މިއީ މެދު ރާއްޖެތެރެއޭ ކިޔާ ސަރަހައްދުގެ އަތޮޅެއްގެ އަތޮޅު ވެރިކަންކުރާ ރަށެކެވެ. މި ކިޔައި ދެނީ 90 ގެ އަހަރުތަކުގެ ތެރޭގެ ވާހަކައެކެވެ.

އެންމެން މަސައްކަތުގައި މަޝްޣޫލުވެ ތިއްބައި، އަތޮޅުވެރިޔާގެ މޭޒުމަތީގައި ހުރި ފޯނު ރަނގަބީލުވާން ފަށައިފިއެވެ. އޭރު އަތޮޅުވެރިން އިންނެވީ ސެކެއްޓެރީ ސޮއިކުރަން ގެނައި ސިޓީއެއް ވިދާޅުވާށެވެ. ވާތުން ސިޓީގައި ހިއްޕެވުމަށް ފަހު ކަނާތުން ފޯނުގެ އަތްގަނޑު ނަންގަވައި ކަންފަތުގައި ޖައްސަވައިލެއްވުމާއެކު "އައްސަލާމް ޢަލައިކުމް" އޭ ވިދާޅުވެއްޖެއެވެ. އަނެއް ކޮޅުން ވާހަކަދައްކަވަމުން ގެންދެވީ އެ އަތޮޅު ރަށެއްގެ ކަތީބެކެވެ. ކަތީބު ހުންނެވީ ވަރަށް ކަންބޮޑުވެލައްވާފައެވެ. އަތޮޅުވެރިޔާގެ ސަލާމްގެ ޖަވާބު ވެސް ނުދެއްވުނެވެ. އަތޮޅުވެރިޔާގެ އަޑު ކަތީބުގެ ކަންފަތުގެ ޖެހިލެއްވުމާއެކު ވާހަކަދައްކަވަން ފެއްޓެވިއެވެ.

"ބައްލަވާ! އަތޮޅުވެރިޔާ! މި އުޅެނީ ވަރަށް ދެރަ ކަމެއް ވެގެން. މި ރަށު އާދަނު ކިޔާ ޒުވާނަކު ދަންޖެހެންވެގެން ވާގަނޑެއް ހިފައިގެން ވަލުތެރެއަށް ހިނގައްޖެ!"

ކަތީބުގެ އަޑުގައި ތުރުތުރެއް ހުރިކަން ވެސް އަތޮޅުވެރިޔާއަށް ފާހަގަކުރެއްވުނެވެ. އަތޮޅުވެރިޔާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. އަތޮޅުވެރިކަމުގެ ދިގު ހަޔާތުގައި އަދި މިވަރުގެ ކަމެއް ކުރިމައްޗެއް ނުވެއެވެ. ދެން މިކަން ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ އަތޮޅުވެރިޔާ ވަރަށް ހަރުދަނާކަމާއެކު ވިދާޅުވެއްޖެއެވެ.

"ކަތީބު! ހަމަ މިހާރު އާދަނު ހޯދަން މީހަކު ފޮނުއްވާ! އަދި އާދަނު ގާތުގައި ބުނާނޭ ބުނުއްވާ އަތޮޅުވެރިން ބުންޏޭ ހަމަ މިހާރު ތިކަން ހުއްޓައިލާށޭ! ތިއީ ޤާނޫނީ ބޮޑު ކުށެކޭ! ވަރަށް ބޮޑެތި އަދަބު ލިބޭނެ ކަމެކޭ! އަދި އާދަނު އޮފީހަށް ގެންނަވާފައި އަޅުގަނޑަށް ކަތީބު ފޯނުކުރައްވާ! އަޅުގަނޑު ބޭނުން އާދަނާ ވާހަކަދައްކަން!"

ކަތީބު އާދޭހޭ ދަންނަވާފައި ފޯނު ބާއްވައިފިއެވެ.

ވަރަށް ފަރިތަކޮށް ބައިސްކަލް ދުއްވާ މީހަކު، އާދަނު ހޯދަން ކަތީބު ވަލުތެރެއަށް ފޮނުއްވައިފިއެވެ. މި މީހާއަށް ވޫސްލާފައި އެ ހިސާބަށް ދެވުނު އިރު އާދަނު ހުރީ ގަހުގައި ވާގަނޑު އައްސައި މަޅިގަނޑަށް ބޯ މަހަން ތައްޔާރުވެފައެވެ. މި މީހާ ގޮސް އާދަނު ގާތުގައި އަތޮޅުވެރިޔާގެ ވިދާޅުވި ބަސްފުޅު އިއްވައިފިއެވެ. ދަންޖެހުމަކީ ޤާނޫނީ ކުށަކަށް ވެފައި އެ ކަމުން ބޮޑެތި އަދަބު ލިބޭނެތީ އާދަނު ކޮންމެއަކަސް މި ކަން ކުރަން ފަސްޖެހިއްޖެއެވެ. ބަސް އަހައިގެން އެ މީހާ ފަހަތުން އައިސް ރަށު އޮފީހަށް ވަދެއްޖެއެވެ. އާދަނު ފެނުމާއެކު އަތޮޅުވެރިޔާއަށް ކަތީބު ފޯނުކުރައްވައިފިއެވެ. އަތޮޅުވެރިޔާ ފޯނު ނެންގެވުމުން އާދަނު މި ތާ އިން ވާހަކަ ކަތީބު ދަންނަވައިފިއެވެ. ދެން އާދަނަށް ފޯނު ދެއްވުމަށް އަތޮޅުވެރިޔާ ވިދާޅުވެއްޖެއެވެ. އަތޮޅުވެރިޔާ ހިތްހަމަޖެހިނުލައްވައި ހަރުކަށި ރާގެއްގައި ވާހަކަދައްކަވަން ފެއްޓެވިއެވެ.

"އާދަނު ކީއްވެގެންތަ ދަންޖެހެން ތި އުޅެނީ؟ އާދަނަށް އެނގޭތަ އެއީ ކިހައި ބޮޑު ކުށެއްކަން؟"

އާދަނު ކިޔަމަންތެރިކަމާއެކު ވާހަކަ ފެށިއެވެ.

"އަޅުގަނޑު ރައްޓެހިވެގެން އުޅެނީ މި އަތޮޅު ރަށެއްގެ ކުއްޖަކާ. އަޅުގަނޑުމެން ކައިވެނިކުރަން ބޭނުން. އެކަމަކު އާސިމާގެ ބައްޕަ ޤަބޫލެއް ނުވި."

ވަރަށް އަސަރާއެކު އާދަނު އޮޅުންފިލުވައިދިނެވެ. އާދަނުގެ ގިލަންވެރިކަން އެނގިލެއްވުމުން އަތޮޅުވެރިޔާގެ ވާހަކައިގައި ހުރި ހަރުކަށިކަން ދޫކޮށްލައްވައި ސުވާލުކުރެއްވިއެވެ. "އާސިމާގެ ބައްޕަ ތިޔަ ކައިވެންޏަށް ޤަބޫލު ނޫނީ ކީއްވެތަ؟" އާދަނަށް ރޮވެން ފަށައިފިއެވެ. ފާޑަކަށް ގިސްލެވެމުން ކަހަލަ ގޮތަކަށް ޖަވާބުދިނެވެ.

"އާސިމާގެ ބައްޕައަކީ އެ ރަށު ބޮޑު ކަތީބު... އެއީ ކަތީބުގެ ހުންނެވި ހަމައެކަނި ދަރިފުޅު. އެހެންވީމާ... އެހެންވީމާ... އާސިމާ މި ރަށަށް ފޮނުއްވާކަށް ކަތީބު ބޭނުންފުޅެއް ނުވޭ. އަޅުގަނޑުގެ މުސްކުޅި މައިންބަފައިން ވެސް ބަލަން ތިބީމާ އަޅުގަނޑަށް އެ ރަށަށް ދިރިއުޅެން ދެވޭކަން ނެތް".

އާދަނުގެ މަޖުބޫރީ ޙާލަތު އަތޮޅުވެރިޔާއަށް އޮޅުންފިލުވައިދިނެވެ.

މި ވާހަކަތައް އަޑު އައްސަވާފައި އަތޮޅުވެރިޔާ ވިދާޅުވެއްޖެއެވެ. "އާދަނު އޮފީހުގައި މަޑުކުރޭ! އަހަރެން އެބަ ގުޅަން އިރުކޮޅަކުން." މިހެއް ވިދާޅުވެ އަތޮޅުވެރިޔާ ފޯނު ބާއްވަވައިިފިއެވެ.

އާސިމާގެ ބައްޕަ، ބޮޑު ކަތީބު އުޅުއްވަނީ އޮފީހުގައި އަވަދިނެތިއެވެ. ބޮޑު ކަތީބުގެ މޭޒުމަތީގައި ހުރި ފޯނު ރަނގަބީލުވާން ފެށީމާ ނެންގެވި އިރު ވާހަކަދައްކަވަނީ އަތޮޅުވެރިޔާއެވެ.

"ކަތީބަށް އެނގިލައްވާތޯ މީހެއްގެ މަރާ ހަވާލުވާން ޖެހިނުލައްވާ ތިޔަ ހުންނެވީ ކިރިޔާކަން؟"

އަތޮޅުވެރިޔާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ކަތީބު ވަރަށް ހާސްވެއްޖެއެވެ.

"ކީކޭ ތޯ؟... އަޅުގަނޑު... އަޅުގަނޑު... ކީއްކުރީ ތޯ؟" ކަތީބުގެ އަޑު ތުރުތުރުއަޅަން ފަށައިފިއެވެ. ދެން އާދަނުގެ ވާހަކަ އަތޮޅުވެރިޔާ އޮޅުންފިލުވައިދެއްވައިފިއެވެ. އާދަނު ދަންޖެހެން އުޅުނު ވާހަކަ ވެސް ކަތީބަށް އަތޮޅުވެރިޔާ ކިޔައިދެއްވިއެވެ. މި ވާހަކަތައް އައްސަވާފައި ވަރަށް ކިޔަމަންތެރިކަމާއެކު ކަތީބު ސުވާލުކުރައްވައިފިއެވެ.

"ދެން އަޅުގަނޑު ހަދަންވީ ކިހިނެއް ތޯ؟" ކަތީބަށް އަތޮޅުވެރިޔާ މަޝްވަރާއެއް އެރުވިއެވެ. އަތޮޅުގެ ދިރިއުޅުމުގެ ދަތިކަން ހުރި ރަށްރަށުގެ މީހުންނަށް އެ އަތޮޅުގެ ބިން ބޮޑެތި ރަށްރަށުން ގޯތި ދިނުމުގެ ސިޔާސަތެއް ވަރަށް އަވަހަށް ސަރުކާރުން ފައްޓަވަން އުުޅުއްވާ ވާހަކައާއި އާދަނާއި ކަތީބަށް ވެސް އެ ރަށުން ގޯތި ލިބޭނެ ގޮތް ހަމަޖައްސަަވައިދެއްވަން އަތޮޅުވެރިޔާ ނިންމެވި ވާހަކައެވެ. އާދަނު ވެސް އަދި ކަތީބުމެން ދިރިއުޅުއްވާ ރަށަކީ ވެސް ބިން ކުޑަ ދިރިއުޅުމުގެ މުހުތާދުތައް ވެސް ރަށުން ފުއްދަން ދަތި ދެ ރަށެވެ. މި ގޮތަށް ހަމަޖެހުނީމާ ކައިވެންޏަށް އޮތް ހުރަސް ވެސް ނެތުނީއެވެ. ކަތީބަށް ވެސް އަތޮޅުވެރިންގެ މި ލަފާފުޅު ވަރަށް ކަމު ހިނގަންޖެއެވެ. އެ ކަމަށް އެއްބަސްވެލެއްވިއެވެ.

ކަތީބު ހަމައަކަށް އެޅުއްވުމަށް ފަހު އަނެއްކާ ވެސް އަތޮޅުވެރިޔާ ގުޅުއްވީ އާދަނުމެން ރަށާއެވެ. އެ ރަށު އޮފީހަށް ގުޅުއްވުމާއެކު ކަތީބު ފޯނު ނަންގަވައިފިއެވެ. އާދަނަށް ފޯނު ދެއްވުމަށް އަތޮޅުވެރިޔާ އެދިވަޑައިގެންނެވިއެވެ. އާސިމާގެ ބައްޕައާ ދެކެވުނު ވާހަކައާއި މިހާރު ކަން ކުރައްވަން ނިންމަވާފައި ވާ ގޮތް އާދަނަށް ވެސް ހުށައަޅުއްވައިފިއެވެ. އާދަނު މި ކަމާ ވަރަށް އުފާވިއެވެ. އުފަލުން ގޮސް ރޮވިއްޖެއެވެ. އަތޮޅުވެރިންނަށް ފަށްފަށުން ޝުކުރުއަދާކުރިއެވެ. ވާނީ ވެސް އެހެންތާއެވެ. އަތޮޅުވެރިޔާގެ ޙިކުމަތު ޢަމަލީގެ ދަށުން އާދަނު ބޮޑު ޤާނޫނީ ކުށަކުން ސަލާމަތްކޮށްދެއްވައިފިއެވެ. އަދި ކައިވެނި ވެސް ކުރެވޭނެ ގޮތް ފަހިވަނީއެވެ.

(ނިމުނީ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *