ކޯވިޑް-19 އަށް 61 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އިއްޔެ ރާއްޖެއިން ކޯވިޑަށް 137 މީހެއް ޕޮޒިޓިވް ވުމުން ރޭ ހެލްތު މިނިސްޓަރު އަމީން ވަނީ ރާއްޖޭގައި ކޯވިޑް-19 ހާލަތު އިތުރަށް ގޯސްވެ، “ނުރައްކަލުގެ ރަނގަބީލު” ގެ އަޑު ގަދަ ވަމުންދާ ކަމުގެ އިންޒާރު ދެއްވާފައި އެވެ.

Ad
rt

މިއަދުގެ ކޯވިޑް ހިސާބުތަކާއި ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 61 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި 61 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 15 ބަންގްލަދޭޝް މީހުންނާއި އަދި އިންޑިއާ 2 މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3567 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 983 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2554 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 76،937 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 657 މީހުން ތިބި އިރު، ކަރަންޓީނު ފެސިލިޓީގައި މިވަގުތު މީހަކު ނެތެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔުމާއި ގުޅިގެން، މިނިސްޓަރު އަބްދުﷲ އަމީން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އެދޭކަމަށެވެ.