ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިގޮތަށް ބުނެފައި ވަނީ، އެ ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި އެވެ.
އެ ނޫސް ބަޔާނުގައި އީސީއިން ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
އެހެން ނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު: 4/2013 (ސިޔާސީ ޕާޓީގެ
ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ
ތެރެއިން ކަމަށް އެ ބަޔާނުގައި އީސީއިން ވަނީ ބުނެފައެވެ.
"މި ދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަން ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށް ވެފައި، މިބައްޔަށް ފައްސިވާ މީހުންގެ ޢަދަދު އިތުރުވެ، މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅަކަށް ވާތީ، ކޯވިޑް-19 އާ ގުޅިގެން ޤާނޫނު ނަންބަރު: 7/2010 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނަންބަރު: 2020/6 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިޢުލާނުކުރާ ޤަރާރު) އިން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު 2020 އޯގަސްޓު 07 އަށް ވަނީ އިތުރުކޮށްފައެވެ."
އީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެން ކަމުން ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު، 1/2013 (ޞުލްޙަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަންސް އެޖެންސީއިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމުގައި އީސީން ވަނީ ބުނެފައެވެ.
އީސީއިން މިހެން ބުނިއިރު އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވެސް ވަނީ ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަން ވާނީ ޤާނޫނު ތަކާއި، ޤަވާޢިދު ތަކަށް ބޯލަނބައި، އިންސާނީ ކަރާމަތާއި، ސަލާމަތަށް އިސްކަން ދީގެން ކަމަށް ވިދާޅު ވެފައެވެ.
އީސީންނާއި، އެ ކޮމިޝަންގެ ނައިބު ރައީސް އަކްރަމް ވެސް މި މޭރުމުން ބުނެފައި މިވަނީ ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް މީހަކު ހައްޕުނޑު ޖަހާފައި ވާކަމަށް ރޭ ފުލުހުން ބުނެފައި ވަނިކޮށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އަންނަނީ މާލޭގައި “އެންމެން އެކުގައި” ނަމުގައި މުޒާހަރާތަކެއް ބާއްވަމުންނެވެ. މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި 26 ވަނަ ދުވަހުގެ ރޭ ފެށި އެ މުޒާހަރާތަކުގެ ތެރެއިން ރޭ ވެސް ވަނީ އެ ކޯލިޝަނުން މާލޭގައި މުޒާހަރާ ކޮށްފައެވެ.
އެ ކޯލިޝަންގެ އިސްވެރީން ލީޑުކުރަމުންދާ މި މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި މީހަކު ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާތީ، ފުލުހުންވަނީ އެކަން ހާމަކޮށް އެ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ފޮޓޯވެސް އާންމު ކޮށްފައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ފާޑު ކިޔުން ވަނީ އެ ކޯލިޝަނަށް ވަރަށް ބޮޑަށް އަމާޒު ވެފައެވެ.
އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބްރައީސެއް ކަމަށްވާ، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ކޯލިޝަނުން އެފަދަ ކަމެއް ނުކުރާނެ ކަމަށާއި، ސީސީޓީވީ ކެމެރާއިން ބަލައި، އެކަން ކުރި މީހަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
“ސިޔާސީ ސްޓަންޓު ނުޖައްސަވާ. ތީތި ނުހިނގާނެ. މާލެ ވަށައިގެން ހުންނާނެ ސީސީޓީވީ. އެ ބަލައިގެން ތި މުޑުދާރު އަމަލު ހިންގި ފަރާތް ހިފައި ހައްޔަރުކުރޭ. ތިއީ ބަޔަކު މަޖަލަކަށް ވެސް ކުރާވަރު ކަމެއް ނޫން،” ޝިޔާމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ފުލުހުން ވެސް ވަނީ ރޭ އިރާކޮޅު ނެރުނު ބަޔާނެއްގައި މި ވަގުތަކީ ކޯވިޑް-19 އަށް ދިވެހިރާއްޖެއިން މީހުން ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއި، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންވެސް ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ޞިއްޚީީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް ހަނދުމަ ކޮށްދީ، އަދި ޤާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!