ދުނިޔޭގައި މިވަގުތު އެންމެ ގިނައިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ތިބި ތިން ވަނަ ޤައުމުގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިއާގައި ބަލި ފެތުރުން ބޮޑުތަނުން އިތުރުވެ، ވަނީ އިތުރު ހާސްކަމެއް ކުރިމަތި ވެފައެވެ.

އެ ޤައުމުން މިހާތަނަށް 1,482,503 މީހުންނަށް މިބަލި ޖެހިފައިވާއިރު، އިއްޔެ އެކަނިވެސް 46,484 މީހުން ޕޮޒިޓިވްވެ، އެ ޤައުމަށް ވަނީ އިތުރު ނުތަނަވަސްކަން ވެރި ވެފައެވެ.

Ad
rt

ބަލި ފެތުރެން ފެށިފަހުން އިންޑިއާއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެދުވަހު 50،526 މީހުން ވަނީ އަލަށް ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެ ޤައުމުގެ އެންމެ ފަހުގެ ކޯވިޑް ރެކޯޑް ތަކަށް ބަލައި ލުމުން އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އަންދާޒާ ކޮށް ލެވެއެވެ. އެ ޤައުމުން ފާއިތުވި 7 ދުވަހުގެ ތެރޭގައި ވަނީ ޖުމްލަ 327،587 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. ވޭތުވި 7 ދުވަހުގެ ތެރޭގައި އެ ޤައުމުން ވަނީ 5،349 މީހުން ބަލީގައި މަރުވެފައެވެ.

ވޭތުވި 7 ދުވަހު އިންޑިއާއިން އަލަށް މީހުން ބައްޔަށް ޕޮޒިޓިވްވި ޢަދަދުތައް

  • 27 ޖުލައ،ި 46,484 މީހުން
  • 26 ޖުލައި، 50،526 މީހުން
  • 25 ޖުލައި، 48,472 މީހުން
  • 24 ޖުލައި، 48,892 މީހުން
  • 23 ޖުލައި، 48,446 މީހުން
  • 22 ޖުލައި، 45,599 މީހުން
  • 21 ޖުލައި، 39,168 މީހުން

އެ ޤައުމުން މިހާތަނަށް މިބަލީގައި 33,448 މީހުން މަރުވެފައި ވާއިރު، 953,189 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އިންޑިއާގެ ބަލީގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެ ޤައުމުގެ ބަލީގެ ހާލަތު މިއަށްވުރެ ވެސް ގޯސްވާނެއެވެ. ސަބަބެއް ގޮތުގައި އެފަރާތްތަކުން ފާހަގަ ކޮށްފައި ވަނީ، ފަގީރު އަވަށްތަކާއި، އެކި ސަހަރު ތަކުން ބަލީގެ ރެކޯޑްތައް އެކަށޭނަ ރަނގަޅު ގޮތުގައި ބެލެހެއްޓެމުން ނުދިއުމެވެ.

ރާއްޖޭގައި ވެސް މިބަލި ފެތުރުން އިތުރުވެފައި ވާއިރު، އަވަށްޓެރި އިންޑިއާގައި މިބަލީގެ ހާލަތަކީ ރާއްޖެއަށް ވެސް އޮތް އިތުރު ބިރެކެވެ.

މިހާތަނަށް ދުނިޔޭގެ މިބަލި ޖެހުނު މީހުން 17 މިލިއަނާއި ކައިރިކޮށް މިހާތަނަށް ވަނީ 16,629,649 މީހުންނަށް މިބަލި ޖެހިފައެވެ. މިހާތަނަށް 10,217,539 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ. އަދި 655,872 މީހުން ވަނީ ބަލީގައި މަރުވެފައެވެ.