ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ފުރަތަމަ ފަހަރަށް ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފަތުރުވެރިޔަކު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމުގެ ޔަގީންކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ދެއްވާފައިވާއިރު، ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮން ގައުމެއްގެ އަދި ކޮން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިއެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

އެ ފަތުރުވެރިޔާ ކޯވިޑަށް ޓެސްޓް ކޮށްފައިވަނީ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.އަދި ފަތުރުވެރިޔާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަދި ގައިޑްލައިނާއި އެއްގޮތަށް އައިސޮލޭޝަންގެ ޕްރޮސީޖާ ވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާފައިވާއިރު، ބޯޑަރު ހުޅުވިފަހުން މިހާތަނަށް 3،057 މީހަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި ދިވެހީންވެސް ހިމެނެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވީ ތިން މަސް ދުވަހަށް ވުރެން ގިނަ ދުވަސް ފަހުންނެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ 10 ދުވަހުގެ ތެރޭގައި 904 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއިން މިހާތަނަށް 3،302 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ.