2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 16 މިލިއަނަށް ވުރެ އިތުރު ވެއްޖެއެވެ.

ދުނިޔޭގެ ކަންކޮޅު ތަކުން މިބަލި ޖެހުނު މީހުންގެ ޢަދަދު ހަތަރު ދުވަސް ތެރޭ އިތުރު މިލިއަނަކަށް އަރައި، ޖުމްލަ ޢަދަދު 16 މިލިއަން ފަހަނަ އަޅައި ދިޔައިރު، 9.9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.

Ad
rt

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި ނުލައިވެސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު ދަނީ ބާރު މިނެއްގައި އިތުރުވަމުންނެވެ.

26 ޖުލައި 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 7:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 16,200,326
މަރުވި މީހުންގެ ޢަދަދު: 648,440
ރަނގަޅުވި މީހުންގެ ޢަދަދު: 9,913,072

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އަދިވެސް އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 149,398 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4,315,709 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 2,061,692 މީހުންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 2,396,434 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 86,496 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,617,480 މީހުންނެވެ.

ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ އަވަށްޓެރި އަވަށްޓެރި އިންޑިއާއެވެ. އެ ޤައުމުން 1,385,494 މީހުން ޕޮޒިޓިވްވެ، 32,096 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 247,178 މީހުންނެވެ.

ޤައުމުތަކުގެ މާލީ ދަތިތަކާއި، އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ގިނަ ޤައުމު ތަކަކުން ދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އަދި ބަލި ކޮންޓްރޯލްވިކަމަށް ބުނެވެސް ބައެއް ޤައުމުތަކުން ދަނީ ލުއި ދެމުންނެވެ.

މިބައްޔަށް މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު ދުނިޔެއަށް ދަނީ އުފާވެރި ކަމުގެ މެސެޖްތައް ލިބެމުންނެވެ. މިގޮތުން ކޯވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ވަނީ ޖުލައި 21 ވަނަ ދުވަހު ބުނެފައެވެ.

އެޓީމުގެ ސެއެންޓިސްޓެއް ކަމަށްވާ ޑރ. އެންޑްރޫ ޕޮލާޑް ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ “ChAdOx1 nCoV-19″ގެ ނަމުން ނަންދީފައިވާ އެވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެގެން ދިޔައީ އެއީ އިންސާނުންގެ ހަށިގަނޑަށް ދޭން ސޭފް އެއްޗެއްކަން މިހާތަނަށްކުރި ހުރިހާ ތަޖްރިބާތަކުން ވެސް ޔަގީންވެގެން ދިޔުމާއި އަދި އެވެކްސިން ތަޖްރިބާކުރުމުގެ ގޮތުން ޖެހި ވޮލަންޓިއަރުންގެ ހަށިގަނޑުގައި ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އުފެދުނުކަން ޔަގީން ވުމުންނެވެ.

ޗައިނާގެ ފާމަޝޫޓިކަލް ގްރޫޕުން އުފައްދާ ކޮރޯނާވައިރަހުގެ ވެކްސިން މި އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް، ޗައިނާގެ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް (ސިނޯފާމް) އިން ހާމަކުރުމަކީ ވެސް ލިބިފައިވާ އިތުރު އުފާވެރި ޚަބަރެކެވެ. ޖުލައި 23 ވަނަ ދުވަހު އެ ގްރޫޕްގެ ޗެއާމަން ލިއު ޖިންގްޒެން ޗައިނާގެ ރަސްމީ މީޑިއާއަށް ވިދާޅުވީ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓްރަޔަލްތައް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ސިނޯފާމުގެ ޔުނިޓެއް ކަމަށްވާ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕުން ބުނެފައި ވަނީ ވެކްސިން ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ ޗައިނާގައި ކޯވިޑް-19 ގެ ބަލި މީހުން މަދުވުމުން، ޓެސްޓް ކުރަން އެކަށީގެންވާ ވަރަށް މީހުން ނުލިބުން ކަމަށެވެ. ނަމަވެސް މިހާރު ވަނީ ބޭރު ގައުމުތަކުގައި ވެކްސިންގެ ޓްރަޔަލްތައް ފަށައިފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނެ އެވެ. އަދި ޗައިނާގެ ސިނޮވްކް ބަޔޯޓެކުން ވަނީ ވެކްސިންގެ ޓެސްޓްތައް ބްރެޒިލްގައި ކުރަން ފަށައިފަ އެވެ.

ވެކްސިންގެ އުފެއްދުމުގެ މަސައްކަތުގައި އޮކްސްފޯޑް ޔުނިވާސިޓީގެ އިތުރުން އެމެރިކާގެ މޮޑާނާ އަދި ޖަރުމަނުގެ ބިއޯންޓެކުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. އެ ކުންފުނިތަކުގެ ވެކްސިން ވެސް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.