ދިވެހިންގެ ޒަމާންވީ ދިގުތާރީޚުގައިވެސް މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ އިގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ. ޕޯޗްގީޒުންނާއި މަލާބާރީންނާއި އަދިވެސް އެނޫން ބޭރުގެ އިސްތިޢްމާރީ ބާރުތަކުން ދިވެހިންގެ ބިމަށް ގަދަބާރުން ވެރިވެ ދިވެހި ރއްޔިތުން އަޅުވެތިކޮށްފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ. ނަމަވެސް އެއިންކޮންމެ ފަހަރަކުވެސް ދިވެހިންވަނީ އެފަދަ ބާރުތަކާއި ކުރިމަތިލައި އިސްތިޢްމާރީން ބޭރުކޮށް ޤައުމު މިނިވަންކޮށްފައެވެ.
ކުރިން މިދެންނެވުނު ޒަމާނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ބާރުތަކުން އެމީހުންގެ ހަންފަތުރަމުން ދިޔަ ދުވަސްވަރެވެ. އެއިރު ދުނިޔޭގައިއޮތް ހަމައަކީ އެންމެ އެންމެނާ ހަނގުރާމަ ކުރުމުގެ ހަމައެވެ. ބާރުގަދަ އެމްޕެރަރުތަކުން އެނޫން ސަރަޙައްދުތަކަށް އަރައި އެތަންތަން އަޅުވެތިކުރުމުގެ ފަލްސަފާއާއި ހަމައެވެ. އެއް އެމްޕެރަރެއްގެ ސަރަޙައްދު ނިމޭނީ އެބައެއްގެ ލަޝްކަރުގޮސް ނިމޭ ހިސާބެއްގައި ކަމަށް ބުނެއުޅެއެވެ.
އެޒަމާނަކީ ދައުލަތްތައް ވަކިވެ ދައުލަތްތަކުގެ ޙުދޫތައް ކަނޑައެޅިފައިވާ ދުވަސްވަރެއްނޫނެވެ. އަދި އެއީ ބައިނަލްއަޤްވާމީ ޤާނޫތަކާއި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ އުފެދި ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ތަރުތީބު ކުރެވިފައިވާ ޒަމާނެއްވެސް ނުމެނޫންމެއެވެ.
އެއާޚިލާފަށް މިއަދު މިވަނީ ޒަމާން ބަދަލުވެފައެވެ. މިއަދުގެ ޙަޤީޤަތަކީ މިނިވަން ވަކި ދައުލަތްތަކެއް އުފެދި އެއިންކޮންމެ ދައުލަތަކަށް ލިބިދީފައިވާ ބާރުތަކަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުން އެއްބަސްވެފައިވާ އިޙްތިރާމްކުރަމުން ދިއުމެވެ. މި ނިޒާމުގައި ދުނިޔެ ހިނގަނީ ބައިނަލް އަޤްވާމީގޮތުން އެއްބަސްވެފައިވާ މުޢާހަދާތަކާޢި އެއްބަސްވުންތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ކޮންމެ ޤައުމަކަށްވެސް އެބަޔަކު ޤަބޫލުކުރާ ފަލްސަފާއަކާ އުޞޫލެއްގެމަތީން އެޤައުމެއް ހިންގުމުގެ އިޚްތިޔާރު އެބަޔަކަށް ވަނީ ދީފައެވެ. މިހެންވެ، މިއަދު ދުނިޔޭގައިވާ އެންމެ ކުދި ޤައުމުތަކަށްވެސް ދުނިޔޭގައިވާ އެންމެ ބޮޑެތި ދައުލަތްތަކާ އެއްގޮތަށް މިނިވަންކަމާއެކު ދައުލަތް ހިންގުމުގެ އިޚްތިޔާރު އޮވެއެވެ.
މި ދެންނެވި އުޞޫލަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ލިޔެވި ޢަމަލުކުރަމުން އަންނަ އުޞޫލުކަމަށްވިޔަސް މިޒަމާނުގައިވެސް ޤައުތަކުގެ މިނިވަންކަމަށް ކުރިމަތިވާ މައްސަލަތަކުން މުޅިންސަލާމަތް ވެވިފައިވާކަމަކަށް ދެންނެވޭކަށް ނެތެވެ. މިކަމުގެ މިސާލުތައް ފަހުގެ ތާރީޚުގައި ދުނިޔޭގެ އެކި ހިސާބުތަކުން ފެންނާއެބަހުއްޓެވެ. އަފްޣާނިސްތާނުގައި ރޫސީވިލާތުގެ ސިފައިން 18އަހަރަށްވުރެ ގިނައަހަރު އެޤައުމު ހިފައިގެން ތިބިތިބުމާއި، ޢިރާޤުގެ ބާރުތަކުން 1990 ގެ އަހަރުތަކުގައި އެޤައުމުގެ އަވަށްޓެރި ކުވައިތު އިސްތިޢްމާރުކުރުމާއި އަދިވެސް މިނޫން މިސާލުތައް ވަރަށްގިނައެވެ.
އާދެ! ތިޔަ އެންމެހާ ކިޔުންތެރިނަށް ދަންނަވާލެވޭތޯ މިމަސައްކަތްކުރަނީ ޤައުމުތަކުގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތަކީ ވަކިޒަމާނަކަށް ޚާއްޞަ މަސައްކަތެއްނޫންކަން ދަންނަވާލުމެވެ. މިނިވަންކަން ދިފާޢުކުރުމަށް ކުރާމަސައްކަތަކީ ތާއަބަދުމެ ކުރަންޖެހޭނެ މަސައްކަތެއްކަމެވެ.. ފަހަރުގައި މިއަދު އެމަސައްކަތް ކުރުމަށް އަހަރުމެން ހަތިޔާރު ހިފައިގެން ނުކުމެ ހަނގުރާމަ ކުރަން ނުޖެހި ހިނގައިދާނެއެވެ. އެހެންނަމަވެސް މިނިވަންކަމަށް ދެވޭ ޙަމަލާތައް ހުއްޓުމަށްޓަކައި ރައްޔިތުން ކުރަންޖެހޭ މަސައްކަތް މިއަދުގެ ދުނިޔޭގައި ވަކި ކުޑަވެފައި މަދެއްނޫނެވެ.
ދިވެހި ރާއްޖެއަށް ބަލާއިރު މިއަދު އަޅުގަނޑުމެންގެ ދައުލަތް ބޭރުގެ ބާރަކުން އަރައި އިސްތިޢްމާރުކުރަމުން ނުދިޔަނަމަވެސް، ދިވެހިންގެ އަތުން ޤައުމުގެ ސިޔާދަތު ގެއްލިދާނެ އެތަކެއްކަމެއްގެ އަސަރު މިހާރުއެވަނީ ފެންނަންފަށާފައެވެ. މިގޮތުން ބަލާއިރު:
- ދިވެހިންގެ އެއްބައިތަކަމަށް ބުރޫއަރަމުން ދިއުން
- ދީނީ ޚިޔާލުތަފާތުވުން އިތުރުވެ ބޮޑުވުން
- ދުނިޔޭގެ ބޮޑެތިބާރުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ވަދެވުން
- ޤައުމިއްޔަތު އިޙްސާސު ފަނޑުވެ ދައުލަތުގެ ހައިބަތު ކުޑަވާން ފެށުން
ދިވެހި ޤައުމުގެ 55ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ދިވެހިން އިސްވެދެންނެވުނު މައްސަލަތަކަށް ސަމާލުވެ ތިބުމަކީ މުހިންމުކަމެކެވެ. ޤައުމުގެ އެއްބައިވަންތަކަމަށް ބުރޫއަރާ ކަންކަމުން ސަލާމަތްނުވެއްޖެނަމަ، ޤައުމުގައި ހަމަނުޖެހުންތައް އުފެދި ޤައުމުގެ ސިޔާދަތަށް ނުރައްކާވެދާނެއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުގެމެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ މޯހިރަށް ދިވެހިޤައުމު ވެއްޓުނަނުދިނުމަށް ދިވެހިދައުލަތުގެ ޚާރިޖީ ސިޔާސަތު ތަރުތީބުވާންޖެހެއެވެ. ދިވެހީންނަކީ ހުރިހާ ޤައުމަކާއިއެކުވެސް ގުޅިގެން މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ، ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް އިސްކުރާ ބަޔަކަށްވާން ޖެހެއެވެ.
މީގެ އިތުރުން، ޤައުމުގެ ކަރާމަތާއި ހައިބަތު ރައްޔިތުންގެ ކުރިމަތީގައި އުފުލައި ވަޠަނީ ލޯބި ދިވެހީންގެ ހިތްތަކުގައި އާލާލުރުމުގެ އައު ސިޔާސަތުތަކެއް އެކަށައަޅައި ގިނަގުނަ މަސައަކަތްތަކެއް މިއަދު ފަށަންވެއްޖެކަމުގައި ދެކެމެވެ. ދިވެހިންނަށް އެމީހުންގެ ޤައުމިއްޔަތު އިހްސާސްވާން ޖެއެވެ. އެކަމުގެ ޣީރަތްތެރިކަން ރައޔިތުންގެ ފަރާތުން ފެންނާނެގޮތެއްގެ މަތީންނެވެ.
على رضي الله عنه ވިދާޅުވެފައިވެއެވެ.
" ބީރައްޓެއްސެއްގެ ޙާލުގައި ލިބޭ މުއްސަނދި ކަމަކީ ވަޠަނަނިއްޔަތެއް ލިބުންފަދަ ކަމެކެވެ. ނަމަވެސް، އަމިއްލަ ވަޠަނުގައި ފަޤީރުވުމަކީ ބީރައްޓެހިކަމަށް ދިއުމެވެ."
ދީނީކަންކަމުގައި އުފެދެމުންދާ ޚިޔާލުތަފާވުންތައް ކުޑަކޮށް ޤައުމުގެ ހަމަޖެހުމާއި މިނިވަންކަމުގެ ޙައްޤުގައި ޢިލްމުވެރިންގެ ޚިޔާލު އެއްގޮތްކުރަންޖެހެއެވެ. ޤައުމީ ފެންވަރެއްގައި އުފައްދާފައިވާ މުއައްސަސާތަކުގެ ނިންމުންތަކަށް އިޙްތިރާމުކޮށް ޤައުމުގެ މަޞްލަޙަތު ކުރިއަރުވަން މަޖުބޫރުވެއްޖެއެވެ. ސިޔާސީގޮތުން އުފެދޭ ދެކޮޅުވެރިކަމަކަށްވުރެ، ދީނީގޮތުން އުފެދޭ ދެކޮޅުވެރިކަމުގެ " ތޫނުކަން " މާގަދަވާނެކަމަށް ޤަބޫލުކުރަމާ ހިނގާށެވެ!
وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ (46)اللأنفال
" ތިޔަބައިމީހުން ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ ދެކޮޅުވެރި ނުވާށެވެ! ފަހެ އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ބާރުނެތި ހަލާކުވެ ހިގައިދާނެއެވެ.!"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!