އިނގިރޭސި ވިލާތުގެ ލަންޑަންގައި ބާއްވާ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއިޓީއެމް) ފެއާ މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާނެކަން އިއުލާނު ކޮށްފި އެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރކަމުގައިވާ، ވޯލްޑް ޓްރެވަލް މާކެޓް ބާއްވަން އިނގިރޭސި ސަރުކާރުން ވަނީ ލަންޑަން ޑަބްލިއުޓީއެމް ފެއާ އޮކްޓޫބަރުގެ ފަހުން ބާއްވަން ހުއްދަ ދީފަ އެވެ. އެހެންވެ ޑަބްލިއުޓީއެމް އިންތިޒާމު ކުރާ ރީޑް އެގްޒިބިޝަން ކުންފުނިން ވަނީ މި އަހަރުގެ ފެއާ ނޮވެމްބަރު މަހުގެ 2 އިން 4 އަށް ލަންޑަންގައި ބާއްވާނެ ކަމަށް ކަމަށް އިއުލާނު ކޮށްފަ އެވެ.
ރީޑް އެގްޒިބިޝަން ކުންފުނިން ބުނީ މިއަހަރުގެ ފެއަރގައި ކޯވިޑް-19 އަށްފަހު ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކޮށް، ބިނާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފެއަރގެ ބައިވެރިންގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށެވެ. އަދި ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ޓެކްނޮލޮޖީ އިތުރުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެކަމަށްވެސް ރީޑްއިން ބުނެއެވެ،
ރީޑް އެގްޒިބިޝަން އިން ވަނީ މި އަހަރުގެ ފެއަރގެ ބައިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކި ޓެކްނޮލޮޖީތައް ބޭނުންކުރާނެކަމަށް ބުނެފައެވެ. އަދި ފެއަރގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ބައިވެރިންނަށް ދައްކާލުމަށް ފެއާ އޮންނަ އެކްސެލް ލަންޑަން ސެންޓަރ ވާޗުއަލް ޓުއާއަކުން ދައްކާލާނެއެވެ. މީގެއިތުރުން ޑަބްލިއުޓީއެމްގައި ބައިވެރި ނުވެވޭ ފަރާތްތަކަށް ހާއްސަކޮށް ފެއަރގެ ތެރެއިން އޮންލައިންކޮށްވެސް ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމަށް ރީޑްއިން ބުނެއެވެ.
ޑަބްލިއުޓީއެމް ފެއާއަކީ ރާއްޖެއިންވެސް ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރއެވެ. ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން މިފެއަރގައި ބައިވެރިވެއެެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ މުހިންމު މާރކެޓެވެ. މިގޮތުން މިއަހަރު ބޯޑަރު އަލުން ހުޅުވާލިފަހުންވެސް މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރީވެސް އިނގިރޭސިވިލާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!