އާދެ! ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ މަތިވެރި ދުވަސްތަކެކެވެ. ﷲ ތަޢާލާ މާތްކުރައްވާފައިވާ ދުވަސްތަކުގެ ތެރެއިން މިދިހަ ދުވަހަކީ އެންމެ މާތް ދުވަސްތައް ކަމުގައި، ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ސުންނަތުގައި ވަނީ ބަޔާންކުރައްވާ ފައެވެ.
ﷲ ތަޢާލާ ގެ ވަޙީބަސްފުޅުގެއްގެ މާނާގައި ވެއެވެ." ފަތިސްގަންދެއްވަމެވެ. އަދި ދިހަރޭ ގަންދެވަމެވެ." މިދިހަރެއާއި ދުވަހަކީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ޛުލްޙިއްޖާ މަހުގެ ދިހަދުވަހެވެ.
ތިބާ މިދުނިޔޭގައި އުޅޭއިރު ކޮންމެ ދުވަހަކީވެސް ވަރަށްބޮޑެތި ގޮންޖެހުންތަކާއި އެކިކަހަލަ މައްސަލަތާއި ކުރުމަތިވާނެ ދުވަސްތަކެކެވެ. ދުނިޔަވީ ގޮތުން ދިމާވާ މައްސަލަތަކާއި އަދި ދީނީ ގޮތުން އުފެދޭ މައްސަލަތަކެވެ. ބައެއްފަހަރު މިފަދަކަމަކާހުރެ ހިތްދަތިވެ ހާސްވާގޮތް މެދުވެރިއެވެ. އަނެއްބައި ފަހަރު ތިމާގެ އީމާންތެރިކަމުގެ ދަރަޖައަށް އަސަރު ކުރުވައެވެ.
މިގޮތަށް ކަންތައް ދިމާވުމަކީ އެއްގޮތަކަށްވެސް އާދަޔާޚިލާފު ކަމެއްކަމުގައި ޤަބޫލުނުކުރާށެވެ! އަދި އެއީ ތިމާއަށް އެކަނި ކުރިމަތިމާ، މިދުނިޔެއަށް މުޅިން އަލަށް އުފަންވެފައިވާ ކަމެއްކަމުގައިވެސް ހީނުކުރާށެވެ! އެހެނީ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުދަގުލެއް ނުވަތަ ހިއްދަތި ކަމެއް ތަޙައްމަލު ކުރަން ނުޖެހޭ ހަމައެކަކުވެސް މިދުނިޔޭގެ ޙަޔާތުގައި ނުވެއެވެ. ނަތީޖާއެއްގެގޮތުން އެފަދަ މީހެއްގެ އީމާންކަމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ނުކުރާމީހަކު ވަރަށް މަދުންނޫނީ ނުވެއެވެ.
ވަކިން ޚާއްޞަކޮށް ތިމާގެ އީމާންކަން އިތުރުވެދާ ވާހަކައަކީ ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ކަމެކެވެ. ތިމާމެންގެ އީމާންކަން އިތުރުވެ އުނިވާނެކަން އެފޮތުގައިވަނީ ބަޔާންކުރައްވާފައެވެ. މިގޮތުން ތިރީގައިވާ ބައެއް އާޔަތްތަކަށް ވިސްނައިލައްވާށެވެ!
﴿ فَزَادَهُمْ إِيمَانًا ﴾ [آل عمران: 173]
" ފަހެ، އެބަސް އެއުރެންނަށް އީމާންކަން އިތުރުކުރިއެވެ."
﴿ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ﴾ [المدثر: 31]،
" (އެއީ) ފޮތްލިބުނު މީހުންނަށް އީމާންކަން ޔަޤީންވުމަށާއި، އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށެވެ."
وقال تعالى: ﴿ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا ﴾ [الأنفال: 2].
" އަދި އެކަލާނގެ ބާވައިލެއްވި އާޔަތްތައް އެއުރެންނަށް ކިޔައިދޭ ހިނދު އެއުރެންގެ އީމާންކަން އިތުރުވާ މީހުންކަމުގައެވެ."
މިފަދަ މަތިވެރި މާތް ދުވަސްތަކެއް މާތް ﷲ މިންވަރު ކުރެއްވި ކީއްތޯއެވެ؟
ޝައްކެތްނެތްގޮތުގައި އެކަމުގެ ޙިކްމަތަކީ އަހަރުމެން މުސްލިމުންގެ އީމާންކަން މަތިކޮށް ވަރުގަދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށެވެ. އެދުވަސްތަކުގައި، އަނަރޫފަވެ ނިކަމެތިވަމުންދާ ޢަޤީދާއާއި އީމާންތެރިކަމަށް ރޫޙާނީ އިތުރު ޣިޒާދީ ޘާބިތުކުރުމަށެވެ. ހައެއާއެކު، މި ދުވަސްތަކުގައި ހެޔޮކަމުގެ ގަޑިތައް އިތުރުކޮށް ރޭގަޑާއި ދުވާލު މާތް ﷲއަށް ކުށްތައްވުމުގެ ޢަމަލުތައް ގިނަކުރުމަށެވެ.
މި ދުވަސްތަކުގައި ރޯދާހިފަންވީ، ތިމާއާއި މާތް ﷲ އާއި ދެމެދުއޮތް ގުޅުން ވަރުގަދަކުރެވޭނެ ގޮތަށް ވިސްނުން ބަހައްޓައިގެންނެވެ. ކީރިތި ޤުރްއާން ކިޔަވަންވީ، ތިމާގެ ހިތުގެ ވިންދަށް އަސަރުކުރުވާނެ މިންވަރަށް އޭގެއަސަރު މުޅިހަށިގަޑަށް އިޙްސާސްވަންދެކަށެވެ. ނަމާދުކުރަންވީ އެކަމުގެ ސަބަބުން ﷲ ގެ ޙަޟްރަތަށް މުނާޖާ ދެންނެވެނީކަން ހިތްމައްޗަށް ގެނެސްގެން ހުރެއެވެ. ޞަދަގާތް ކުރަންވީ އެކަމުގެ ސަބަބުން ތިމާގެ ހެޔޮކަމުގެ ތިލަފަތަށް ޘަވާބުގެ އެތަކެއް މިންވަރު އިތުރުވާނޭކަމުގެ އީމާންކަމާއެކުއެވެ. تكبير، تحميد ، تسبيح ، އަދި تحليل ކިޔަވަންވީ މިހުރިހާ ކަމަކީވެސް ތިމާގެ ايمان ތެރިކަން އިތުކުރުމަށް ކުރެވޭ ހެޔޮއަމަލުތަކެއްކަމަށް ދެނެކުރެއެވެ.
އިސްލާމީ ތާރީޚުގެ ޞަފްޙާތަކުން ފެންނައޮތްގޮތުގައި ޙައްޖުމަހަކީ އެތަކެއް މުހިންމު ހަނދާންތައް އަހަރުމެންގެ ހިތްމައްޗަށް ގެނެނެސްދޭ މަހެކެވެ. سيدنا إبراهيم عليه السلام ގެ ސީރަތުގައި ހިނގާފައިވާ މުހިންމު ޙާދިޘާތައް މިމަހުގެ އަޅުކަންތަކާވަނީ ގުޅިލާމެހިފައެވެ. كعبة الله ބިނާ ކުރެއްވުމާއި އެގެފުޅަށް ޙައްޖުވުމަށް މީސްތަކުންނަށް ގޮވާލެއްވުމުގެ އަމުރުފުޅުގެ ހަނދާން އައުވެގެންދަނީ މިމަހުގެ ފުރަތަމަ ދިހަދުވަހުގެ ތެރޭގައެވެ.
މިހުރިހާ ޙާދިޘާއަކާއި އަޅުކަމަކުން މުސްލިމުން ޢިބްރަތް ޙާޞިލުކުރަން ޖެހެއެވެ. ދަރުމައާއ ޘަވާބުގެ ތިލަފަތް ބަރުކުރުން ލާޒިމެވެ. އީމާންތެރިކަން ފަނޑުވިޔަނުދީ ތާޒާކޮށް އާލާކުރުމަށް މި ބަރަކާތްތެރި ދިހަދުވަސް ހީވާގިކަމާއެކު ވޭތުކުރުން ވަރަށް މުހިންމެވެ.
އީމާންކަމުގެ ޒައްރެއްގެ މިންވަރުންވެސް ތިމާއަށް ސުވަރުގެ ވަނުމުގެ ފުރުސަތު މާތް ﷲ ތަނަވަސްކޮށް ދެއްވާނެ ކަމުގެ އުއްމީދާއެކުއެވެ. ކީރިތި މާތްނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރައްވާފައިވެއެވެ.
" އެމީހެއްގެ ހިތުގައި އީމާންކަމުގެ ޛައްރެއްގެ މިންވަރުހުރި މީހަކުވިޔަސް ނަރަކައިން ނެރުއްވުމަށް މާތް ﷲ މަލާއިކަތުންނަށް ވަޙީކުރައްވާނެތެވެ."
« يَقُولُ اللَّهُ تَعَالَى أَخْرِجُوا مِنْ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيمَانٍ»،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!