2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެންފެށި ކޯވިޑް-19 ވައިރަސް ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 15 މިލިއަނަށް ވުރެ އިތުރު ވެއްޖެއެވެ. އަދި، އަދިވެސް ބާރު މިނެއްގައި މިބަލި ފެތުރެމުންދާ ދުނިޔޭގެ ގަދަ ބާރު އެމެރިކާގެ 4 މިލިއަނަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިއްޖެއެވެ.
ދުނިޔޭގެ ކަންކޮޅު ތަކުން މިބަލި ޖެހުނު މީހުންގެ ޢަދަދު ފަސް ދުވަސް ތެރޭ އިތުރު މިލިއަނަކަށް އަރައި، ޖުމްލަ ޢަދަދު 15 މިލިއަން ފަހަނަ އަޅައި ދިޔައިރު، 9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް މިބަލި ޖެހޭ މީހުން ތެރެއިން ފަރުވާއަކާއި ނުލައިވެސް ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު ދަނީ ބާރު މިނެއްގައި އިތުރުވަމުންނެވެ.
22 ޖުލައި 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
ޕޮޒިޓިވްވި މީހުންގެ ޢަދަދު: 15,091,817
މަރުވި މީހުންގެ ޢަދަދު: 619,409
ރަނގަޅުވި މީހުންގެ ޢަދަދު: 9,110,153
ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އަދިވެސް އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 144,953 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4,028,569 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,886,583 މީހުންނެވެ.
ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 2,166,532 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 81,597 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,465,970 މީހުންނެވެ.
ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ އަވަށްޓެރި އަވަށްޓެރި އިންޑިއާއެވެ. އެ ޤައުމުން 1,194,085 މީހުން ޕޮޒިޓިވްވެ، 28,770 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 752,393 މީހުންނެވެ.
ޤައުމުތަކުގެ މާލީ ދަތިތަކާއި، އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ގިނަ ޤައުމު ތަކަކުން ދަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އަދި ބަލި ކޮންޓްރޯލްވިކަމަށް ބުނެވެސް ބައެއް ޤައުމުތަކުން ދަނީ ލުއި ދެމުންނެވެ.
މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.
މިބައްޔަށް މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު ދުނިޔެއަށް އިއްޔެ ވަނީ އުފާވެރި ކަމުގެ މެސެޖެއް ލިބިފައެވެ. އެއީ ކޯވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ބުނުމުންނެވެ.
އެޓީމުގެ ސެއެންޓިސްޓެއް ކަމަށްވާ ޑރ. އެންޑްރޫ ޕޮލާޑް ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ "ChAdOx1 nCoV-19"ގެ ނަމުން ނަންދީފައިވާ އެވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެގެން ދިޔައީ އެއީ އިންސާނުންގެ ހަށިގަނޑަށް ދޭން ސޭފް އެއްޗެއްކަން މިހާތަނަށްކުރި ހުރިހާ ތަޖްރިބާތަކުން ވެސް ޔަގީންވެގެން ދިޔުމާއި އަދި އެވެކްސިން ތަޖްރިބާކުރުމުގެ ގޮތުން ޖެހި ވޮލަންޓިއަރުންގެ ހަށިގަނޑުގައި ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އުފެދުނުކަން ޔަގީން ވުމުންނެވެ.
މީގެ އިތުރުންވެސް ރަޝިޔާއާއި، އެމެރިކާއާއި، ޗައިނާއާއި މިނޫންވެސް ޤައުމު ތަކުގައި ދަނީ ބައްޔަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކެނޑި ނޭޅި ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!