ހދ. ފިނޭ އާމަގު އަތިރިމަތީގައި ތައްޔާރުކޮށްފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ ސަރަހައްދު ދުށިން ހެއްޔެވެ؟ ފިނޭ އާމަގު އަތިރީގެ މަންޒަރުތަކުން ސިފަކޮށްދެނީ ދަނީ އެރަށުގެ އާމަގުގައި ދިރިއުޅޭ ޢާއިލާތަކުގެ ބަދަހި އެކުވެރިކަމެވެ.

ފިނޭ އާމަގަށް ނިސްބަތްވާ ޢާއިލާތަކުގެ އެކުވެރިކަން ގެންގޮސް ދިނީ އާމަގުގެ ހިތްގައިމު އަތިރި މަށްޗަށެވެ. އެ މަގުގެ އަތިރިމަތީގައި ހަދާފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ ތަނަކީ އެ ޢާއިލާތަކުގެ ގުޅުން ބަދަހިކަން ރަމްޒުކޮށްދޭ ފުރިހަމަ މިސާލެކެވެ.

Ad
rt

ކޯވިޑް-19 ގެ ސަބަބުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް ބަޔަކު އުފަން ވަޒަނަށް ދާން ޖެހުނެވެ. މިގޮތަށް ފިނޭގެ އާމަގަށް ނިސްބަތްވާ ޢާއިލާތަކުގެ ގިނަ މެމްބަރުން ތަކަކަށް ވެސް ރަށަށް ދާންޖެހުނެވެ. މި މަސައްކަތުގެ ފެށުން އައީ ލޮކްޑައުންގައި ރަށުގައި "ތާށި" ވެފައި ތިބި ދުވަސްވަރުއެވެ.

" ކޯވިޑް-19 ލޮކްޑައުން ގައި މި މަގަށް ނިސްބަތްވާ ޢާއިލާތަކުން އިސް ނަގައިގެން ކުރި މަސައްކަތެއް މިއީ، ގިނަ ކުދިން ތިބީ ލޮކްޑައުންގައި ރަށަށް އައިސް، އެންމެން ގުޅިގެން މި ރަށުގެ އާމަގުގައި ދިރިއުޅޭ ޢާއިލާތަކާއި، އެ މަގު އަތިރިއަށް އަންނަ މީހުން ހިތްހަމަ ޖައްސާލަން އެތަން މި ތައްޔާރު ކުރީ" ފިނޭ އާމަގަށް ނިސްބަތްވާ މުޙައްމަދު މޫސާ ބުންޏެވެ.

އެ ޢާއިލާތަކުން މަހެއް ހާ ދުވަސް ހޭދަކޮށްގެން ކުރި މަސައްކަތުން އެ މަގުގެ އަތިރިމަތީ ސަރަޙައްދު ސާފުކޮށް، އެ ޢާއިލާތަކާއި، އެތަނުން ހިތް އުފާކޮށްލަން އެދޭ ކޮންމެ ޢާއިލާއަކަށާއި، މީހަކަށް ވެސް ހިތްހަމަ ޖެހުން ލިބޭނޭ ފަންނުވެރި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މިގޮތުން އެ ސަރަޙައްދުގައި ކުޑަކުދީންނަށް ޚާއްޞަ ޖޯލިތައް ވަނީ ހަދައި އެލުވާފައެވެ. އަދި ބޮޑެތި މީހުންނަށް އުނދޯށްޔާއި، ޖޯލި ފަތިތައް ވަނީ ތައްޔާރުކޮށް ފައެވެ. ކުދިވެރީން ކުޅެން ދޫކޮށްލައިގެން މާ ކަނޑުން އަންނަ ފިނިފިނި ވައި ރޯޅިން ހިތް އުފާކޮށްލުމަށް ތިބެލަން އެތަން އޮތީ ނިކަން ފައްކާ ކޮށްފައެވެ.

މީގެ އިތުރުން ޢާއިލާތަކުން ގުޅުން ބަދަހިކޮށްލައި، އެކުވެރިކަމުގެ ވަގުތު ހޭދަ ކޮށްލުމަށް އެތަނުގައި ބާބަކިއު ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި އިރުއޮށްސޭ މަންޒަރުން ހިތަށް ފިނިކަން ހޯދުމަށް، އިރު އޮއްސޭ މަންޒަރު ބަލައިލަން ޚާއްސަ ތަނެއްވެސް ވަނީ އެތަނުގައި ހަދައިފައެވެ.

އެތަނުގައި އަތް ދޮވެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައި ވާއިރު، ފެން ލިބޭނެ ގޮތްވެސް ވަނީ ފަހިކޮށްދީފައެވެ. އެތަން ފުރިހަމަ ކުރުމަށް މިހާރު މަދީ ކަރަންޓެވެ. އެ ކަމަށް މަގެއް ހޯދުމަށްވެސް އެ ޢާއިލާތަކުން ވަނީ އަތު ގުޅާލާފައި އެވެ.

އާމަގު ޢާއިލާތަކުގެ އަމިއްލަ ޚަރަދުގައި، އަމިއްލަ މަސައްކަތުން ފައްކާކޮށްފައި އޮތް އާމަގު ގޮނޑު ދޮށަކީ، ތާޒާ ވަޔާއި، ގުދުރަތީ ރީތި ވެށިވެސް ފެނިގެންދާ ތަނެކެވެ. ފިނޭގެ ސާފު ރީތި މޫދާއި، ގޮނޑުދޮށް ދެކިލައި، ހޭޅީގެ އެކި ކަހަލަ އެކި މިނުގެ ގަސްތައްވެސް އެ މަންޒިލުން ފެނިގެން ދެއެވެ.

ޢާއިލީ ހަވީރުތަކާއި، ޢާއިލީ ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމަށް ވަގުތު ހޭދަ ކޮށްލުމަށް ފިނޭ އާމަގު އަތިރިމަތި މިވަނީ އެކުވެރިކަމުގެ ގުޅުމަކުން ފައްކާކޮށް ނިންމާފައެވެ. މި މަސައްކަތުން އެ ޢާއިލާތަކުގެ ބަދަހި ގުޅުން ދައްކައި ދީފިއެވެ. މި ފޮޓޯތަކުން ފިނޭގެ ނަލަކަން އިތުރަށް ދައްކުވައި ދީފިއެވެ.

މި ފޮޓޯތަކުން ހިތް ދަމައިގަނެއްޖެއެވެ. ދެން އެންމެ އަވަހަށް ލިބޭ ފުރުޞަތެއްގައި ފިނޭއަށް ދާހިތް ކުރުވައިފިއެވެ. ފިނޭ އާމަގު ގޮނޑު ދޮށުގައި ވަށައިގެންވާ މުއްސަނދި ފެހި ވެށިން ހިތް އުފާކޮށްލައި، އުނދޯލި ހެއްލާލައި، ކަނޑުގެ ތެރެއަށް އިރު ގެނބިގެންދާ މަންޒަރު ދެކިލަން ދާން ބޭނުން ވެއްޖެއެވެ. ގޮސްފިނަމަ ޔަޤީނުންވެސް މަސްފިހެ، ބާބަކިއުވެސް ހަދާ ލެވޭނެއެވެ.