ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއްކަމަށާއި ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރައްވާފައިވާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މަގާމުން ވަކިކުރިތާ 10 ދުވަސް ފަހުން އަލީ ވަހީދު މިރޭ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފަ އެވެ. ފުލުހުން ބުނީ އަލީ ވަހީދު ހާޒިރު ކުރީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ފުލުހުން ވަކި ކަމެއް ނުބުނި ނަމަވެސް އެއީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒިފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކެކެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ނޫސްވެރިންކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އިންސާފުވެރިކަމާއެކު މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށެވެ.
“މިއީ ރޭވިގެން ބަޔަކު ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އަޅުގަނޑު ދަންނަވާފައިވާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތަކަށް އިންކާރު ކުރާކަމަށް،”
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ނުކުމެވަޑައިގެން އަލީ ވަހީދު ވިދާޅުވިއެވެ.
“ހަގީގަތުގައި ވަރަށް ދެރަވެފަ މިހުރީ. މިރޭ އެއްގަޑިއިރުފަހުން ޒުވާން ހަޔާތް ނިމިގެންދާނެ. މިރޭ 12 ޖަހާއިރު އަޅުގަނޑަށް 36 އަހަރު ފުރިގެންދާނެ… އަޅުގަނޑުގެ އަމާޒަކީ އަޅުގަނޑުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާފުކޮށްދިނުން،”
އަލީ ވަހީދު ވިދާޅުވިއެވެ.
މިއީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއްކަމަށާއި މިކަމުގެ ތަހުގީގު ނިމިގެންދިޔައީމަ ރައްޔިތުންނަށް މިކަން ސާފުވެގެންދާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ފުލުހުން ކުރި ތުހުމަތުތަކަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވީ އެ ތުހުމަތުތައް ވިދާޅުވާނީ ފުލުހުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާއަށް ކުރި ސުވާލުތަކަށް ޖަވާބުދީފައިވާނެ ކަމަށާއި ހަނު ހުރެފައިނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ހާމަކޮށްފައެވެ.
މިނިސްޓަރުކަމުން އޭނާ ވަކިކުރެއްވުމަށް ރައީސް ސޯލިހު ނިންމެވި ނިންމެވުމަށް އިހްތިރާމު ކުރައްވާ ކަމަށާއި އޭނާއަށް ކުރާ ތުހުމަތުތައް ސާފުވެގެންދިއުމަކީ އުންމީދު ކުރާ ގޮތް ކަމަށާއި އިންސާފު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ސިޔާސީ އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އޭނާއަށް ކުރާ ތުހުމަތުތައް ސާފުވުމުން ނޫނީ އެއަށް ޖަވާބެއް ދެވެން ނެތް ކަމަށެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސްކަމުން އިސްތިއުފާ ނުދިން ސަބަބާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ އެއްވެސް މަގާމަކުން އިސްތިއުފާ ނުދިނީ “ކުރާ ތުހުމަތުތައް ގަބޫލު ނުކުރާތީ” ކަމަށެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާ ގުޅޭ އޯޑިއޯތަކެއް އޭނާގެ އަތުގައި ހުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ “އޭނާއަކީ އެ ޒާތުގެ ކަންކަން ކުރާ މީހެއް ނޫން” ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!