އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް ގެސްޓް ހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައި ވަނީ ނ. ލަންދޫ، ޗިޗަންޑާގެ، ޢުމުރުން 22 އަހަރުގެ އިބްރާހީމް ނިހާނުގެ މައްޗަށް ކަމަށެވެ.

Ad
rt

އިބްރާހީމް ނިހާނު ހައްޔަރުކޮށްފައިވަނީ، 2020 ޖުލައި 05 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަަށް ބިރުދައްކައި، ބްލެކްމެއިލްކޮށް، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 15 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިބްރާހީމް ނިހާން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން އިބްރާހީމް ނިހާނު ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.

އިބްރާހީމް ނިހާނުގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

" ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް މި ސަރވިސްއިން އިލްތިމާސްކުރަމެވެ. އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް މި ސަރވިސްއިން އިލްތިމާސް ކުރަމެވެ. " ފުލުހުން ބުނެފައި ވެއެވެ.

މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ޖިންސީ ގޯނާއާއި، ޖިންސީ ފުރަށްސާރައިގެ އިތުރުން ރޭޕްގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތި ވަމުންނެވެ.