ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ކޯވިޑް-19 ގެ ސަބަބުން ލޭ ލިބުން އިންތިހާއަށް ދަތިވެފައި ވަނިކޮށް އެސްޓީއޯއިން މިއަދު ވަނީ އެކުންފުނީގެ ބޯޑު ޑައިރެކްޓަރުންނާއި، މެނޭޖްމަންޓްގެ އިތުރުން، މުވައްޒަފުން ހިމެނޭހެން 80 މީހެއްގެ ލޭ ހަދިޔާ ކޮށްފައެވެ.
އެސްޓީއޯއިން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މި ލޭ ހަދިޔާ ކުރުުގެ ކޭމްޕް އޮތީ މިއަދު ތެލަސީމިއާ ސެންޓަރުގައެވެ.
STO Blood Donation Camp has commenced at Thalassemia Center today. Over a total of 80 donors including members from STO's Board of directors, Management and Staff will be donating blood at today's camp. #STORC #DonateBloodSaveLives @mvthalsociety @MBS_mv pic.twitter.com/YYSsKONBWF
— STO (@stoplc) July 17, 2020
ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ލޭ ލިބުން ދަތިވެ، ލޭގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައި ވާތީ އާންމުންގެ އެހީތެރި ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ވަނީ ތަކުރާރުކޮށް އެކި ފަހަރު މަތިން އެދި ފައެވެ. އެ ފަހަރު ތަކުގައި އާންމުންނާއި، ބައެއް ކުންފުނި ތަކުންނާއި، އެނޫންވެސް ބައެއް ފަރާތްތަކުން ވަނީ ރަނގަޅު ތަރުހީބެއްވެސް ދީފައެވެ.
އިޖުތިމާއީ ޒިންމާއެއް ކަމަށް ދެކި އެންމެ ގިނައިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަނީ ރިސޯޓުތަކުންނާއި، ކުންފުނިތަކާއި، އެކި އޮފީސް ތަކުންނާއި، އެޒިންމާ އަދާ ކުރަން ޖެހޭ ބައެއް ތިބިކަން ޤަބޫލުކުރާ ފަރާތްތަކެވެ. ނަމަވެސް އެފަރާތްތަކުން ހިންގާ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކަށް މިވަނީ ކޯވިޑް-19ގެ ހިޔަނިއެޅި ލޭ ލިބުން ދަތިވެފައެވެ.
އެތައް ކުދިންނެއް ދިރި ތިބުމަށް ލޭ ބޭނުންވެއެވެ. ރާއްޖޭއަކީ ނިސްބަތުން ލޭ އަޅާ ކުދިން ގިނަ ޤައުމަކަށްވީ ހިނދު މި ދަނޑިވަޅުގައި ލޭ އަޅާ ކުދިންގެ ޢާއިލާތަކަށް ވަނީ ޑޯނަރުން ހޯދުމަށް އާދޭސްކޮށް އަތްފުނާ އަޅަން ޖެހިފައެވެ.
ލޭގެ ސްޓޮކަކީ ލޭ އަޅާ ކުދިންގެ އިތުރުން، މާބަނޑު މީހުން ސިޒޭރިއަން ހަދަން ދިމާވާ ހާލަތާއި، އެކި ސާޖަރީތައް ހަދާ ހާލަތާއި، އެނޫންވެސް އެކި ހާލަތްތަކުގައި ބޭނުންކުރާ، އެތައް ބަޔެއްގެ ފުރާނަޔާއި ގުޅިފައިވާ ސްޓޮކެކެވެ.
އެސްޓީއޯގެ މި ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގެ ސަބަބުން ލޭގެ ސްޓޮކަށް ދިރުން ލިބި، ލޭ ބޭނުން ވެފައިވާ ޢާއިލާތަކަށް ހިތްހަމަ ޖެހުން ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!