ކޯވިޑް-19 އަށް 68 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 68 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 9 ބަންގްލަދޭޝް މީހުންނާއި، 4 އިންޑިއާ މީހުންނާއި، 4 ސްރީލަންކާ މީހުންނާއި، 3 ފިލިޕީންސް މީހުންނާއި އަދި ނޭޕާލް މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެން ކަމުން މިއަދަކީ ލޮކްޑައުންގެ ހާލަތަށް ލުއިދިންފަހުން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.
ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 2899 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 530 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2239 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 65،176 ސާމްޕަލެއް ނަގާފައިވާއިރު، ކަރަންޓީނު ފެސިލިޓީގައި 32 މީހުން އަދި އައިސޮލޭޝަން ގައި 440 މީހުން އެބަތިއްބެވެ.
ކޯވިޑާއި ގުޅިގެން އެޅި ރަށްކާތެރި ފިޔަވަޅުތަކަށް ލުއިދީ، ލޮކްޑައުން އުވާލުމުން މިބަލި ޖެހޭ މީހުން ދަނީ އިތުރު ވަމުންނެވެ. އަދި ލުއިދިން ފަހުން އަތޮޅު ތަކުން ދަނީ ފެއްނަ ކޭސްތައް އިތުރު ވަމުންނެވެ. މިގޮތުން މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
މީގެ އިތުރުން ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ރ،. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!