ކޯވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއި އެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

Ad
rt

މިކަން ހާމަކުރަށްވައި އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ކޯވިޑް-19ގައި މިއަދު 12:25 ހާއިރު އުމުރުން 42 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާ ދެމުން ދިޔަ މީހެއް ކަމަށެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 2831 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 482 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2321 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 64،239 ސާމްޕަލެއް ނަގާފައިވާއިރު، ކަރަންޓީނު ފެސިލިޓީގައ 32 މީހުން އަދި އައިސޮލޭޝަން ގައި 432 މީހުން އެބަތިއްބެވެ.

ކޯވިޑާއި ގުޅިގެން އެޅި ރަށްކާތެރި ފިޔަވަޅުތަކަށް ލުއިދީ، ލޮކްޑައުން އުވާލުމުން މިބަލި ޖެހޭ މީހުން ދަނީ އިތުރު ވަމުންނެވެ. އަދި ލުއިދިން ފަހުން އަތޮޅު ތަކުން ދަނީ ފެއްނަ ކޭސްތައް އިތުރު ވަމުންނެވެ. މިގޮތުން މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ރ،. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.