އަވަށްޓެރި އިންޑިއާއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކާއި ކައިރިކޮށް، ބަލީގެ ބިރު އިތުރަށް ބޮޑުވެ އަލުން ބައެއް ސްޓޭޓްތަކާއި، ސިޓީތައް ލޮކްޑައުންކޮށް، ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފިއެވެ.

އިންޑިއާއިން މިހާތަނަށް 970,169 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދުނިޔޭގެ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓްގެ 3 ވަނާގައި އެ ޤައުމު އޮތްއިރު މިމަހު 14 ވަނަ ދުވަހު ވަނީ އެ ޤައުމުގެ 29,842 މީހުން އަލަށް ބައްޔަށް ޕޮޒިޓިވްވެފައެވެ. ޖުލައި 13 ވަނަ ދުވަހުވެސް 28,179 މީހުން ޕޮޒިޓިވް ވެފައި ވާއިރު، ޖުލައި 12 ވަނަ ދުވަހުވެސް 29,108 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެހެން ކަމުން މިހާރު ބަލި ފެތުރެމުންދާ ނިސްބަތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު އަށާވީސް ހާހާއި، ނަވާވީސް ހާހާއި ދެމެދު ޢަދަދަކަށް އަލަށް މީހުން އަންނަނީ އެ ޤައުމުން އަލަށް ޕޮޒިޓިވް ވަމުންނެވެ.

Ad
rt

އިންޑިއާގެ 613,735 މީހުން ބަލިން ފަސޭހަ ވެފައި ވާއިރު، 24,929 މީހުން ވަނީ މިހާތަނަށް ބަލީގައި މަރުވެފައެވެ.

އެ ޤައުމުގައި އަލުން ލޮކްޑައުނަކަށް ދިޔަ ސިޓީ ތަކުގެ ތެރެއިން އެއް ސިޓީއަކީ 13 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ބެންގަލޫރެވެ. ދުނިޔޭގެ އެތައް ކުންފުންޏަކުން މަސައްކަތްކުރާ ބެންގަލޫރަކީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޯލޮޖީ ސިނާއަތުގެ މައި ހަބެވެ.

ބަލީގެ ހާލަތު ގޯސްވެ، ބެންގަލޫރު ހަފްތާއަކަށް އަލުން ލޮކްޑައުންކުރި ނަމަވެސް ދެބައިކުޅަ އެއްބައި މުވައްޒަފުންނާއެކު ކުންފުނިތަކުގެ އޮޕަރޭޝަންސް ހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރުންވަނީ ދީފައެވެ. އަދި އިމަޖެންސީ ބޭނުމަށް ފިޔަވައި ޓްރާންސްޕޯޓް އެއްކޮށް ހުއްޓާލާފައިވާއިރު، ޟަރޫރީ ތަކެތި ވިއްކާ ފިހާރަތައްނޫން ހުރިހާ ތަންތަނެއްވަނީ ބަންދުކޮށްފައެވެ.

ރައްޔިތުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެގޮތުން 125 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ އަދި އިންޑިއާގެ އެންމެ ފަގީރު ސްޓޭޓް ކަމަށްވާ ބިހާރު ސްޓޭޓް ބުރާސްފަތި ދުވަހުންފެށިގެން 15 ދުވަހަށް ލޮކްޑައުން ކުރުމަށް ސްޓޭޓް ސަރުކާރުންވަނީ ނިންމާފައެވެ.

އިންޑިއާގެ ހުޅަނގު ސިޓީއެއް ކަމަށްވާ ޕޫނޭއާއި، 200 މިލިއަން މީހުން ހިމެނޭ އުއްތަރް ޕްރަދޭޝް، ޓެމިލް ނާޑޫ، އާސާމް އަދި ޝްރީނަގަރުންވެސް ވަނީ އިތުރު ފިޔަވަޅުތައް އަޅާފައެވެ.

އިންޑިއާގެ ވިޔަފާރީގެ މައި ހަބް މުމްބާއީއާއި، ވެރިރަށް ނިއުދިއްލީގެ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެދެ ރަށުން އެކަނިވެސް ހަތަރު ލައްކަށްވުރެ ގިނަމީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

ވެސްޓް ބެންގާލްގެ ހާލަތުވެސް ގޯސްވެފައިވާއިރު އެ ސަރަހައްދުގެ ގިނަ ޢަދަދެއްގެ ފްރަންޓްލައިން ޚިދުމަތްތެރީން ބައްޔަށް ޕޮޒިޓިވްވެ، ފުރާނައަށް ނުރަށްކާވެފައިވާ ކަމަށް އެ ސިޓީގެ ޗީފް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެ ސިޓީ އަލުން ލޮކްޑައުންނަށް ދިޔައިރު ފްރަންޓްލައިންގައި މަސައްކަތްކުރާ 268 ފުލުހަކަށާއި، 30 ޑޮކްޓަރުންނަށާއި، 43 ނަރުހަކަށާއި އަދި 60 ސަރުކާރުގެ އޮފިޝަލުން ވަނީ ބަށްޔަށް ހުށަހެޅިފައެވެ.

މިބަލި މިހާތަނަށް ދުނިޔޭގެ 13,691,659 މީހުންނަށް ޖެހިފައި ވާއިރު، 8,037,178 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. އަދި 58،821 މީހުން ވަނީ ބަލީގައި މަރުވެފައެވެ.