މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެވުނު ހައިރިސްކު 23 މީހެއްގެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވެފައިވާކަމަށް ދުވާފަރު ސިއްހީ މަރުކަޒުން ބުނެފިއެވެ.

މިދިޔަ ޖުލައި 11 ވަނަ ދުވަހު ދުވާފަރުން ކޯވިޑް-19 އަށް 3 މީހަކު ފައްސިވުމާއި ގުޅިގެން 12 ޖުލައި 2020 ވަނަ ދުވަހު ދުވާފަރު ސިއްޙީ މަރުކަޒުންވަނީ ކޮންޓެކްޓް ޓްރޭސިންގް ނިންމައި އެކަމާއި ގުޅުން ހުރި ފަރާތްތައް ހޯމް ކަރަންޓީންް ކޮށްފައެވެ. އަދި 14 ޖުލައި 2020 ވަނަ ދުވަހު ވަނީ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ހައި ރިސްކް 23 ފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަަށް ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައެވެ.

Ad
rt

ދުވާފަރު ސިއްހީ މަރުކަޒުން ބުނީ ދުވާފަރުން ފައްސިވި 3 ފަރާތުގެ ޕްރައިމަރީ ކޮންޓެކްޓުންގެ ތެރެއިން 14 ޖުލައި 2020 ގައި ނެގުނު ހައިރިސްކު 23 ފަރާތެއްގެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވެފައި ވާކަމަށެވެ.

މި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް ވިޔަސް ގޭގައި ކަރަންޓީން ކުރެވިފައިވާ ފަރާތްތައް ދޫކޮށްލެވޭނީ 14 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު އިތުރު ސާމްޕަލްއެއް ނަގައި ޓެސްޓު ހަދައި ނެގެޓިވްވިކަން ޔަޤީން ވުމުން ކަމަށްވެސް އެރަށު ސިއްހީ މަރުކަޒުން ބުނެފައި ވެއެވެ.

ދުވާފަރު ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު 1 މާރިޗް 2020 އިން 15 ޖުލައި 2020 ގެ ނިޔަލަށް އެމަރުކަޒުން ވަނީ ކަރަންޓީނު ކުރުމާއި، ހޯމް އައިސޮލޭޝަން އަދި މޮނިޓަރިންގނާއި އެކު ޖުމްލަ 154 މީހަކަށް އެޓެންޑް ވެފައެވެ.

އެރަށުން 3 މީހުން ކޯވިޑަށް ޕޮޒިޓިވްވީ ކަން އެނގުނީ 19 ޖޫންގައި ހޯމް ކަރަންޓީނަށް ގެނެވި، 14 ދުވަހުގެ މުއްދަތު ހަމަކޮށް ނެގި ސާމްޕަލް އިން ކޯވިޑަށް ނެގެޓިވް ވެފައިވާކަމަށް 7 ޖުލައި 2020 ގައި، އެޗްޕީއޭ އިން އެންގުމުން އުޞޫލާއެއްގޮތަށް 9 ޖުލައިގައި ދޫކޮށްލާފައި ތިއްބައި، ޖުލައި 11 ވަނަ ދުވަހުއެވެ.

އެކަމާއި ގުޅިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:24 ގައި އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައުމަށް ފަހު ޖުލައި 14 ވަނަ ދުވަހުގެ ރޭ 23:09 ގައި އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންގ ހާލަތުން ނަގާފައެވެ.

ކޯވިޑާއި ގުޅިގެން އެޅި ރަށްކާތެރި ފިޔަވަޅުތަކަށް ލުއިދީ، ލޮކްޑައުން އުވާލުމުން ރާއްޖޭގައި މިބަލި ޖެހޭ މީހުން ދަނީ އިތުރު ވަމުންނެވެ. އަދި ލުއިދިން ފަހުން އަތޮޅު ތަކުން ދަނީ ފެއްނަ ކޭސްތައް އިތުރު ވަމުންނެވެ.

މިގޮތުން މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުގެ އިތުރުން ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ރ،. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.