ތާހިރުކޮށް އިންސާފުވެރިކަމާއި، އަދުލުވެރިކަމާއި އެކު ވެރިކަމެއް ކޮށްދިނުމަކީ އިދިކޮޅުގައި ތިއްބެވީ ބޭފުޅުން ދަންނަ ނިޒާމެއް ނޫން ކަމަށާއި، ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގައި ހުރި ވެލިފުންޏަކުން 17 މިލިއަން ރުފިޔާ "ކާލާފައި" ވާކަމަށް މަޖިލިސްގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާޠިލު ކުރިމައްސަލައާއި ގުޅިގެން 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ޙަސަން އަޙްމަދު ވިދާޅުވީ، އިދިކޮޅު މެމްބަރުން ކޯފާވެގެން އުޅުއްވަނީ އެސަރުކާރުން ވެރިކަން ކުރި ގޮތަށް މި ސަރުކާރުން ވެރިކަން ނުކުރާތީ ކަމަށެވެ.

Ad
rt

" އެއީ ވައްކަންކުރުމާއި، ކޯޓުތަކުގެ ފުރާޅުން ޓިނު ނެގުމާއި، އެތާ އިންނަ ފަނޑިޔާރުމަނިކުފާނުގެ ބަނޑުމައްޗަށް ޑިފެންސް މިނިސްޓަރު ފޮނުވައިގެން މީހުން އަރުވައި، ބައްދައި، ބިޑިއަޅުވައި، ހަތަރެސްފައިގައި ވާޖަހާފައި ނުނެރޭތީވެ ތި ބޭފުޅުންނަށް ކަމުނުގޮސްގެން. އެއީ ތި ބޭފުޅުން ދަންނަ ނިޒާމެއް ނޫން ތާހިރުކޮށް އިންސާފުވެރިކަމާއެކީ، އަދުލުވެރިކަމާއެކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަކީ."

މެމްބަރު ޙަސަން އަޙްމަދު ވިދާޅުވިއެވެ.

"ތަނެއް ފެނިއްޖެއްޔާ ކާލުން. މި ދަންނަވަނީ، ވެލި ފުންޏަކުން 17 މިލިއަން ރުފިޔާ ކާލާފައި އެ ތިބީ. ވެލިފުންޏަކުން. އިންސާނުން ބުއްދިއަށް ވިސްނާވަޑައިގަންނަވާ! ހުޅުމާލޭގައި ހުރި ވެލިފުންޏެއް ހުސްކޮށްލަން 17 މިލިއަން ރުފިޔާ ކާލާފައި ތިބި ސަރުކާރެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ."

މެމްބަރު ޙަސަން އަޙްމަދު ވިދާޅުވިއެވެ.

މެމްބަރު ހަސަން ވިދާޅުވީ މިއީ ދިވެހި ދައުލަތް ކަމަށާއި އަދި ދިވެހި ރައްޔިތުންގެ މުދާ ކަމަށެވެ. ދަައުލަތަށާއި، މުދަލަށް ޚިޔާނާތްތެރި ވެގެންނެއް ނުވާނެ ކަމަށެވެ. އަދުލުވެރިކަމާ އެކީގައި، އިންސާފުވެރިކަމާ އެކީގައި ރައްޔިތު މީހާއަށް ގަބޫލުކުރެވޭ ވަރަށް މިސަރުކާރުން ކަންކަން ހާމަ ކުރަމުން ދާތީ ރައްޔިތުން މިއަދު ހިތްހަމަޖެހޭ ކަމަށް މެމްބަރު ޙަސަން ވިދާޅުވިއެވެ.

" އެމް.އެމް.ޕީ.އާރު.ސީ، އެއް އިންސާނަކަށް އެއް ރަށް 5 އިންސާނުންނަށް ސޮއިކޮށްފައި ދީފައި އެބަހުރި. އެއްރަށް 5 އިންސާނަކަށް ސޮއިކޮށްފަ. ދެން، ކިހިނެއް މި އޮޅުންފިލަނީ؟ 500 ބޮޑު ކަންވާރު ރޫޅައިލާ ގޮތަށް ވައްކަންކޮށްފައި ފައިބައިގެން ދިޔައީ."

މެމްބަރު ޙަސަން އަޙްމަދު ވިދާޅުވިއެވެ.

"މިއަދު ވެސް އަޅުގަނޑު މި ދަންނަވަނީ މި ރާއްޖޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައްޔިތުން ހަޅޭއް ލަވަނިއްޔަކީއެއް ފުލެޓެއް ނުލިބެގެނެއް ނޫން. ވަޒީފާއެއް ނުލިބިގެނެއް ނޫން. ދިވެހި ދައުލަތުން ކާލާފައި އޮތް ފައިސާއަށް އިންސާފު ނުލިބޭތީވެ. އެ އިންސާފު ހޯދުމަށް މިއަދު އިރާދަފުޅު ކުރެއްވިއްޔާ އަޅުގަނޑުމެން ނުކުމެ މިތިބީ." މެމްބަރު ޙަސަން އަޙްމަދު އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ފޯނުކޮށްފައި ކޯޓުގައި އިންނަ ޤާޟީއަކަށް އަމުރެއް ނުކުރައްވާނެ ކަމަށާއި، މި ސަރުކާރު ވެރިކަންކުރަން އައިސް ތިބީ 3 ބާރު ވަކިވެފައިވާ ނިޒާމެއްގައި އެ 3 ބާރުން މަޝްވަރާކޮށްގެން ރަނގަޅަށް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީގައި ޤާނޫނުއަސާސީގައި އޮންނަ ގޮތަށް ވެރިކަންކުރަން ކަމަށެވެ.

" ކަންތައްތައް ލަސްވާނެ، ލަސްވާ ގޮތަށް ކަންކަންކޮށްފައި އޮތީމާ. ފުލެޓުގެ ޗިޓުކޮޅުދީފައި އެ ފުލެޓު މީހާއަށް ލިބެއޭ ކިޔާފައި 4 ލައްކަ ރުފިޔާ އެ މީހާ އަތުން ނަގާފައި، ފުލެޓު ދޫކޮށްފައި ތިބި ބައެއް ނޫންތޯ ތި ވާހަކަފުޅު ދައްކަވަނީ؟"

މެމްބަރު ޙަސަން އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަންކަން ލަސްވާކަން އެނގިވަޑައި ގަންނަވާ ކަމަށާއި، އެހެން ނަމަވެސް ބޭނުންވަނީ ރިހާކުރުފުޅި ވިއްކާ މީހާ 7 އަހަރަށް ޖަލަށް ލާއިރުގައި، ދިވެހި ދައުލަތުން ބައިރުފިޔާއެއް ނެގިޔަސް، އެ ޙައްޤު އަދަބު ކޮންމެ މީހަކަށް ވެސް ދެވޭނެ ގޮތަށް ދިވެހި ދައުލަތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ހިންގަން ކަމަށެވެ.

މިމައްސަލައިގެ ބަހުސްގައި އިދިކޮޅު މެމްބަރުން ވަނީ މިސަރުކާރަށް އެމް.އެމް.ޕީ.އާރު.ސީ މައްސަލަ ބަލަންވެސް ވަގުތު ލިބިއްޖެ ކަމަށާއި، ޤާނޫނާއި ޚިލާފަށް ފަސް ދޮޅަހަކަށް ރަށް ދޫކޮށްފައި ވާއިރު، އެންމެ ރަށެއްވެސް އަތުލާފައި ނެތުމުން ސުވާލު އުފެދޭ ކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔާފައެވެ. އަދި މިސަރުކާރުގެ މަސައްކަތްތައް ލަސްކަމާއި، ނަތީޖާ ނުނެރެވޭކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.