ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު ބޯޑަރު ހުޅުވާލައި ފުރަތަމަ ފްލައިޓް ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ.
110 ފަހުން އަލުން ބޯޑަރު ހުޅުވާލިއިރު، މިއަދު ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 129 ޓޫރިސްޓަކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. އެ ފްލައިޓް ވީއައިއޭގެ ރަންވޭގައި ޖައްސާފައި ވަނީ، މިއަދު ހެނދުނު 8:27 ގަ އެވެ.
ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެން ރާއްޖެއައި މި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވީއައިއޭ ގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
The sun is shining again in the #Maldives. Our borders are open for visitors once again and the first flight has just landed!
Congratulations and a huge thank you to all those who have worked tirelessly to make this happen.
Welcome to the #SunnySideOfLife! pic.twitter.com/BJ3qyBTRKT
— Abdulla Shahid (@abdulla_shahid) July 15, 2020
ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިއިރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުން ތެރެއިން ކޯވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ޓޫރިސްޓުން ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.
އެހެން ނަމަވެސް، ޓޫރިސްޓުން ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޯވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެ އެވެ.
މި މަހު ރާއްޖެ އަންނަން ދެން ޝެޑިއުލް ކޮށްފައިވަނީ އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސް އެވެ. އެމިރޭޓްސްގެ ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. ދުބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދުވަހު ފްލައިޓު ބާއްވަން ޝެޑިއުލްކޮށްފައިވާއިރު އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ވަނީ ތާވަލު ކޮށްފަ އެވެ. އެ އެއާލައިނުން އަބޫދާބީ އާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެ އެވެ.
ޖުލައި 15 އިން އޮގަސްޓުމަހުގެ ނިޔަލަށް އޮޕަރޭޓުކުރަން ފަށާ އެއާލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 ޕަސެންޓް ޑިސްކައުންޓު ދޭން ނިންމާފައިވާ އިރު ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއާލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާޗު 26 ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.
ރައީސް ޞާލިޙް އިއްޔެ ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު އަލުން ހުޅުވާލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވުމަށް އެއަރޕޯޓަށް ޒިޔާރަތް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!