މާލެ ފިޔަވައި އެހެން ސަރަޙައްދުތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީއިން %50 (ފަންސާސް އިންސައްތަ) މަޢާފްކުރަން ނިންމާ، އިމްޕޯޓު ޑިއުޓީ މަޢާފްކޮށްދެވޭނީ އެ ސަރަޙައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަންކުރެވޭ ނުވަތަ ސަރަޙައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް އެކަނިކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފި އެވެ.
މިރޭ އެމްޑީޕީގެ ޕިޖީ ގުރޫޕުގައި މަޝްވަރާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ކޮމެޓީ ރިޕޯޓްއަށް ހުށައެޅި އިސްލާހުތަކަށް ގޮތްނިންމުމެވެ. މިރޭ ކުރިއަށް ދިޔަ އެޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި މިމައްސަލައާއި ގުޅޭގޮތުން ނެރެފައިވަނީ ޓޫލައިން ގުރީން ވިޕްއެކެވެ.
މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ވަނީ ހުށައެޅުމެއް ހުށައަޅުއްވާފައެވެ. މިބިލުގެ 3 ވަނަ މާއްދާއިން ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އިތުރުކުރާ އަކުރުގެ (1) ވަނަ ނަންބަރު އިސްލާޙުކުރަން ހުށައަޅާފައިވާ ގޮތަކީ:
(ލ) (1) މާލޭ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ރަސްމީ ބަނދަރުތަކަށް (ކަނޑުގެ، ވައިގެ) އެތެރެކުރާ މުދަލުގެ ތެރެއިން، މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޗެޕްޓަރ 24 ގައި ހިމެނޭ މުދާ ފިޔަވައި، އެހެން ހުރިހާ މުދަލުގެ އިމްޕޯޓް ޑިއުޓީއިން %50 (ފަންސާސް އިންސައްތަ) މަޢާފްކުރުން.
އަޙްމަދު ހާރޫނުގެ އިސްލާހުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީވެސް ވަނީ މިގޮތަށް އިސްލާހެއް ހުށައަޅުއްވާފައެވެ. ނަމަވެސް ހާރޫނުގެ އިސްލާހު ފާސްވުމާއި ގުޅިގެން ރާޢީގެ އިސްލާޙްއަށް ވޯޓަކަށް ނާހައެވެ.
މިރޭ އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމި ނިންމުމުގައި ވަނީ މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޗެޕްޓަރ 24 ގައި ހިމެނޭ މުދަލާއި ދުންފަތުގެ ބާވަތްތަކުން 50% އަށް ޑިއުޓީ ކުޑަކުރަން ނުފެންނަކަމަށް ނިންމަވާފައެވެ.
މީގެއިތުރުން ޤާނޫނު ނަންބަރު 3179 (ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓް ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލުގެ 5 ވަނަ މާއްދާގެ (ދ) އަކުރެއް އިތުރުކުރުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވަނީ އިސްލާޙެއް ހުށައަޅުއްވާފައެވެ.
5 (2) ޤާނޫނުގެ ދަށުން މާލެ ފިޔަވައި އެހެން ސަރަޙައްދުތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓު ޑިއުޓީ މަޢާފްކޮށްދެވޭނީ އެ ސަރަޙައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަންކުރެވޭ ނުވަތަ ސަރަޙައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށެވެ.
(3) މި ޤާނޫނުގެ ދަށުން މާލެ ފިޔަވައި އެހެން ސަރަޙައްދުތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓު ޑިއުޓީ މަޢާފްކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތުގެ އުސޫލު މި ޤާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
އެއިސްލާހުގައި ބުނެފައިވެއެވެ.
މިއިސްލާހުތައް މިގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގައިވަނީ ވަރުގަދަ ބަހުސްއެއް ކޮށްފައެވެ. މިއިސްލާހުތައް މިގޮތަށް ތަޅުމުން ފާސްވެއްޖެނަމަ މިއީ އުތުރާއި ދެކުނުގެ ރައްއިތުންނަށް ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަން އާރާސްތުކުރުމަށް ލިބިގެންދާނެ މުހިންމު ނިންމުމަކަށް ވާނެއެވެ. ހާއްސަކޮން މިކަމަކީ ތިލަދުންމަތީގެ އިޤްތިޞާދަށް ނުހަނު ފައިދާކުރާނެކަމެއްކަން ޔަޤީނެވެ. މިނިންމުން މިގޮތަށް ފާސްކުރުމަށް އުތުރާއި ދެކުނަށް ނިސްބަތްވާ މެންބަރުންވަނީ ވަރަށްބޮޑަށް ވަކާލާތުކޮށް އަޑު އުފުލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!