ޖިންސީ ގޯނާ ލިބެނީ އަންހެނުން އަޅާ ހެދުމުގެ ސަބަބުން ކަމަށް ދޭހަވާ އިބާރާތަކުން ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ، ޖިންސީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބަކުން ނޫން ކަމަށެވެ.

Ad
rt

އީވާ ވިދާޅުވީ ޖިންސީ ކުށުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ދެކޭ ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ޖިންސީ ކުށްތައް ހިތްވަރު ދިނުން ކަމަށެވެ. އެކަމަކު ބައެއް ދީނީ އިލްމުވެރިންނާއި މީޑިއާގައި އެފަދަ މޭރުމުން ވާހަކަ ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓަށް އިޝާރާތް ކުރައްވައި އީވާ ވަނީ އިޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ ޖިންސީ ކުއްތައް ހުއްޓުވުމަށް ކުރަންވީ ކަމަކީ އަންހެނުން ލައި ހެދުން ބަދަލު ކުރުން ކަމަށް ދެކެ، ދައްކާ އެ ވާހަކަތަކަކީ "މުޑުދާރު" ވާހަކަތަކެއް ކަމަށެވެ.

އަޅުގަނޑު ތި ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ހަބަރުުދާރޭ! ހުއްޓާލާށޭ. ފަހަތަށް ޖެހޭށޭ. އަޅުގަނޑު ދަންނަވާލަން ބޭނުމީ ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތި ޓުވިޓާ ހޭންޑަލް ބޭނުން ކުރިއްޔާ މި މައިކް، ގަލޮޅު އުތުރުގެ މި މައިކް އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި، އެ ކުރާ ފަޟީހަތް ކުރަން، އެ ކުރާ ގޯނާ ކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު މި މައިކް އިރާދަކުރެއްވިއްޔާ އޭނާއާ ދެކޮޅަށް ބޭނުންކުރާނަމޭ،

ޑރ. އިޔާޒް ކުރެއްވި ޓުވީޓުގެ ވާހަކަ ވަރަށް ގިނަ އަންހެނުން، އީވާއާ ހިއްސާކުރައްވާފައިިވާކަން ހާމަކުރަމުން އީވާ ވިދާޅުވިއެވެ.

ޝެއިޚުން ކަމަށް ބުނާ ބޭފުޅުން މިފަދަ ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށާއި، ދީން ދަންނަ ބޭކަލުންނަށް ހުތުރު އެރުވުން ކަމަށާއި ޖިންސީ އަނިޔާ ކުރާ މީހުން ކުށުން ބަރީއަކޮށް، އަނިޔާ ލިބެނީ އަންހެން މީހާ އަޅައިގެން ހުންނަ ހެދުމުގެ ސަބަބުން ނުވަތަ ދިޔަ ތަނެއްގެ ސަބަބުން ކަމަށް ބުނުމަކީ ގައުމުގައި ޖިންސީ އަނިޔާއަށް ކަނޑައެޅިގެން ހިތްވަރު ދިނުން ކަމަށެވެ.

އިސްލާމް ދީނަކީ އަންހެނުން ބާރުވެރިކޮށް އޯގާތެރިކަމާ އެކުގައި އަންހެނުން އަޅާލައި، އަންހެނުން ހިމާޔަތް ކުރުމަށް ގޮވާލާފައިވާ ދީން ކަމަށްވާއިރު ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް އެ ގޮތަށް ފުރައްސާރަ ކުރުން ހުއްޓާލަން ދީނީ އިލްމުވެރިންނަށާއި މީޑިއާއަށް ގޮވާލައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ވާހަކަތައް ދެއްކުމަކީ އިސްލާމް ދީން ބޭނުންކޮށްގެން އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަކުރުން ކަމަށް މެމްބަރު ވިދާޅުވި އެވެ.

"ހަ މަހުގެ ކުޑަ ކުއްޖަކު މި ރޭޕް ކުރަނީ ކޮން އެއްޗެއް ލައިގެން ހުރީމަ، ބައްޕައަކު އަމިއްލަ ދަރިއަކު ރޭޕް މި ކުރަނީ އޭނާ ކޮން އެއްޗެއް ލައިގެން ހުރީމަ، މިއީ ރޭޕަށާއި ޖިންސީ ގޯނާއަށް ހިތްވަރު ދޭން ވެގެން، އަންހެނުންނަށް ގަދަރުކުޑަ ކުރަން ދައްކާ ވާހަކައެއް،"

މިއީ ވަހުޝީ ވާހަކަ ދައްކައިގެން މުޖުތަމައު ތެރޭގައި އަނިޔާވެރިކަން އިތުރުކޮށް، އަންހެނުންނަށް އޮތް ގަދަރު ކުޑަ ކުރަން ދައްކާ ވާހަކަ ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ތި ޑރ. މުހައްމަދު އިޔާޒަށާ އަދި އެމޭރުމުން ޝެއިޚް ނަން ޖަހައިގެން އެ ވާހަކަދައްކާ އެންމެނަށާ، ނޫސްތަކުގައި މި މޭރުމުން ވާހަކަދައްކާ އެންމެނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދައްކާނެ ވާހަކަ ނޭނގެންޏާ ވާހަކަ ނުދައްކާ ތިބޭށެ. ތި ދައްކާ ވާހަކައެއް ކަލޭމެންނަކަށް ނޭނގެއޭ، މި މޭރުމުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓުވާލަންވީ. މީކީއެއް އެއްވެސް ހާލެއްގައި އިސްލާމް ދީނަށް ބާރުއަޅަނީކީއެއް ނޫން. މީ އެއްވެސް ހާލެއްގައި ފްރީޑަމް އޮފް ސްޕީޗެއް ވެސް ނޫން. މި މޭރުމަކުން އަޅުގަނޑުމެން ދިވެހި އަންހެނުނަނަކާ ބެހެމަކުން ނުދެވޭނެ،"

އެފަދަ ވާހަކަދައްކާ މީހުން އެކުރަނީ ކަނޑައެޅިގެން ކުށެއް ކަމަށާއި ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރަން ޑރ. އިޔާޒް ގޮވާލައްވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިޔާޒް ފަދަ ބޭފުޅުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓާލުން ކަމަށް ބުނެފައިވެއެވެ.