މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެވުނު 48 މީހެއްގެ ސާމްޕަލް ނަގައި، ރަށުގައި އެޅި ރަށްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

ދުވާފަރު ކައުންސިލުން ބުނީ 2020 ޖޫން 19 ވަނަ ދުވަހު މާލެއިން ދުވާފަރަށް ހޯމް ކަރަންޓީނަށް ގެންދެވުނު މީހުންގެ ތެރެއިން 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން 2020 ޖުލައި 11 ވަނަ ދުވަހު އެޗްޕީއޭއިން ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނައުމުން، ބަލިޖެހުނު މީހުންނާއި ސީދާ ބައްދަލުވި މީހުން ދެނެގަނެވެންދެން ރަށުގައި އާންމުކޮށް އެއްވެ އުޅުމާއި، ހޮޓާ މެދުކަނޑާލުމާއި އަދި މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މަނާކުރެވުނު ކަމަށެވެ.

Ad
rt

ނަމަވެސް ރޭގެ 19:10 ގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ނިމިފައިވާކަމަށް އެޗްޕީއޭ އިން އެ ކައުންސިލަށް އަންގާފައިވާތީ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި، ކުޅިވަރުކުޅުމާއި، ފިހާރަތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތް އާންމު އުސޫލުން ދިނުމަށް ހުޅުވާލެވިފައިވާ ވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އެރަށުގެ ތަންތަނުން ޚިދުމަތް ދޭއިރު، އަދި ޚިދުމަތް ހޯދާއިރު މާސްކު އަޅައިގެން ތިބުމަށާއި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް، އަދި ގެއިން ބޭރަށް ނުކުމެ އުޅޭއިރުވެސް މާސްކު އަޅައި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓެވުމަށް ސަމާލުކަން ދިނުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މިހާލަތުގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ނިމިފައި ވީނަމަވެސް މޮނިޓަރިންގެ ހާލަތު އުވާލާފައި ނުވާތީ ދުވާފަރުން ލަފާފުރުން މަނާ ކުރެވިފައި ވާކަމަށްވެސް ދުވާފަރު ކައުންސިލުން ވަނީ ބުނެފައެވެ.

އެ ރަށުން 3 މީހަކު ކޯވިޑަށް ފައްސިވުމާއި ގުޅިގެން ގުޅިގެން ކުރިއަށް ގެންދެވުނު ކޮންޓެކްޓް ޓްރޭސިންގ ގައި ފާހަގަ ކުރެވޭ 48 މީހެއްގެ މަޢުލޫމާތު އިއްޔެ ހަވީރުގެ ވަގުތެއްގައި ނަގައި ނިންމައި، އެޗްޕީއޭ އާއި ހިއްސާކޮށްފައި ވާކަމަށް ދުވާފަރު ސިއްޙީ މަރުކަޒުން ވަނީ ރޭގައި ހާމަ ކޮށްފައެވެ.

އިތުރު މަޢުލުމާތު ލިބޭ މިންވަރަކުން ކޮންޓެކްޓް ޓްރޭސިންގ މަސަތްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ދުވާފަރު ހެލްތު ސެންޓަރުން ވަނީ ބުނެފައެވެ.

އެރަށުން ޕޮޒިޓިވްވެފައިވާ މީހުންނަކީ 19 ޖޫންގައި ހޯމް ކަރަންޓީއަށް ގެނެވި، 14 ދުވަހުގެ މުއްދަތު ހަމަކޮށް ނެގި ސާމްޕަލް އިން ކޯވިޑަށް ނެގެޓިވް ވެފައިވާކަމަށް 7 ޖުލައި 2020 ގައި، އެޗްޕީއޭ އިން އެންގުމުން އުޞޫލާއެއްގޮތަށް 9 ޖުލައިގައި ދޫކޮށްލާފައި ތިބި މީހުން ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

ދުވާފަރުގެ އިތުރުން ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހުންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން އިއްޔެ ވަނީ ނ. ކުޑަފަރިން މަނަދޫއަށް ގެނެސް އެރަށުން މާލެއަށް ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ރ،. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.