ހުޅުމާލޭ ފޭސްގައި ތަރައްޤީ ކޮށްފައިވާ ހިޔާ ފްލެޓްތައް ދޭއިރު، އެ ފްލެޓްތަކުގެ މަދުވެގެން 75 އިންސައްތަ މާލޭގެ ރައްވެހިންނަށް ހާއްސަ ކުރުމަށް މާލޭ ރަށްވެހިންގެ ޖަމްޢިއްޔާއިން ގޮވާލައިފިއެވެ.

އެ ޖަމްޢިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މާލޭ ރައްވެހިންނާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަހަރުތަކެއް ހޭދަވެފައި ވާކަމަށެވެ.

Ad
rt

މިހާރު އެ ފްލެޓްތަކުގެ ޙައްޤުވެރިންނަށް ދެނެގަނެ، ފްލެޓްތައް ހަވާލު ކުރުމުގެ މަގުމަތީގައިވާ މާލޭ ހިޔާ ފްލެޓްތަކަކީ އެ މައްސަލައަށް އެދެވޭ ހައްލު ނޫން ކަމުގައި ވިޔަސް، ކުދި ކުދި ތަންކޮޅު ކޮޅުގައި ބޮޑެތި އާއިލާތަށް ގޮވައިގެން އުޅޭ މާލޭ ރަށްވެހިންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް، އެ ފްލެޓްތައް ލިބުމުން ލިބިގެން ދާނެކަމެއް ކަމުގައި އެ ޖަމްޢިއްޔާއިން ދެކޭ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

" މާލެ ރަށްވެހިންނަކީ ދިރިއުޅޭނެ ބިންކޮޅެއް ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން ރަސްމީ އުސޫލުން ލިބޭނެ ބަޔަކަށް ނުވާއިރު މި ފްލެޓްތަކުގެ މަދުވެގެން %75 މާލޭގެ ރައްވެހިންނަށް ހާއްސަ ކުރަންޖެހޭނެ ކަމުގައި ދެކެމެވެ. މީގެ އިތުރުން ގިނަ ގިނަ ރަށްތަކެއްގެ ބަޔަކަށް މާލެއިން އަނެއްކާވެސް ފުރުސަތު ހުޅުވާލުމަކީ ލާމަރުކަޒު ކުރުމުގެ ބަދަލުގައި ތޮއްޖެއްސުމަށް ފުރުޞަ ބޮޑުވެގެން ދާނެ ކަމެއްކަމުގައި ދެކެމެވެ."

އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އެހެން ނަމަވެސް އެ ފްލެޓްތަކުގެ ހައްޤުވެރިން ދެނެގަނެފައި ވަނީ އެންމެ އިންސާފު ވެރިކޮށް ނޫންކަމުގައި އެ ޖަމްޢިއްޔާއަށް ލިބިފައިވާ މަޢުލޫމާތު ތަކުން އެނގެން ހުރިކަމަށް އެޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

" މިގޮތުން އެންމެ ފުރަތަމަ ކަމަކަށް ދިރިއުޅުމުގެ ހާލަތު ބަލާކޮމެޓީގައި ބޯހިޔާވަހިކަމުގެ ކެޓަގަރީތަކުގައި އެ ކެޓަގަރީއަކާއި ގުޅުންހުރި މެމްބަރަކު ކޮމިޓީގައި ނެތުމަކީ މިޖަމިއްޔާއިން ކުއްވެރި ކުރާކަމެކެވެ. ހަމަ އެހެންމެ ދިރިއުޅުމުގެ ހާލަތު ބެލުމުގައި އެމީހަކަށް ލިބިފައިވާ އަކަފޫޓުންވެސް އިންތިހާޔައް ކުޑަ ކޮޓަރީގައި ބޮޑުޢާއިލާއެއް ގޮވައިން ނޫޅެވިގެން ވަގުތީ ހިޔާވަހިކަމެއްގައި ޔައުނީ ކުއްޔަށް ދިރިއުޅޭތަން ބަލައި ވަގުތީ ބޯހިޔާވަހިކަމުގައި އުޅޭތަނަކީ މިންކުރަން ޖެހޭތަނަށް ހަދާ އެތަނަކީ ހާލަތު ރަނގަޅު ތަނެއްކަމަށް ކޮމިޓީއިން ނިންމުމަކީ ވަރަށް ބޭއިންސާފުން ކުރާ ކަމެއްކަމުގައި ދެކެމެވެ. އަދި މާލޭގެ ރައްވެހިން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާތީ ދިރިއުޅެމުންދާ ވަގުތީ ބޯހިޔާވަހިކަމަށް ބަލާފައިވެސް ޕޮއިންޓް ދެވިފައިފައިވާކަން ފާހަގަ ކުރަމެވެ." އެ ޖަމްޢިއްޔާއިން ބުނެފައި ވެއެވެ.

މިގޮތަށް ކަންކަން ހުރި އިރު އެ ކޮމެޓީއިން މާލޭ ރައްވެހިންގެ ހާލަތު އެންމެ ރަނގަޅަށް ވަޒަންކޮށްފައި ނުވާކަން ފާހަގަ ކުރާކަމަށް އެޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

އެ ޖަމްޢިއްޔާއިން ބުނީ ހިޔާ ފްލެޓްތައް ދިނުމުގައި އެންމެ ރަނގަޅަށް ހާލަތު ވަޒަންކޮށްފައި ނުވާތީއާއި، އެންމެބޮޑަށް ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި މީހުންގެ ޙައްޤުތަށް ނިގުޅައި ގަނެވިގެން ދާނެކަމެއް ކަމުގައިދެކޭތީއާއި، އަދި ބޯހިޔާވަހިކަމަށް އެދި ފޯމުލާފައިވާ ގިނަމީހުންގެ ހާލަތު ސައްހަގޮތުގައި ބެލިފައި ނުވާކަމަށް ދެކޭތީ، އެ ކަން ކުއްވެރިކޮށް އަލުން މާލެރައްވެހިންގެ ހާލަތު އިންސާފުން އެއްކިބާނުވެ ބަލައި، ޙައްޤު ވެރިންނަށް ބޯހިޔާވަހިކަން ހަމަޖައްސަދޭން ގޮވާލާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައި ވެއެވެ.

ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން މިހާރު އާންމުކޮށްފައި ވާއިރު، ޖުމްލަ 475 މީހުން ހިމެނޭ އެ ލިސްޓަކީ، ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށް ފްލެޓް ކޮމެޓީއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ނިމުނު ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓު ނިންމަން ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރަށެވެ. އެކަމަކު މަސައްކަތް ނިންމަން އަދި އަށް މަސްވަރު ނަގާނެ ކަމަށް، އާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ކުރީ ސަރުކާރުން ވަނީ ނެރެފަ އެވެ. އެކަމަކު މި ސަރުކާރުން ނިންމީ ފްލެޓް ލިބުނީ ހައްގު މީހުންނަށްތޯ ކަށަވަރުކުރަން އަލުން ފޯމްތައް ބަލައި، ހާލަތު ވަޒަންކުރާ ގޮތަށެވެ.

އައު ހައުސިންގ މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ މިހާތަނަށް 40 ޕަސެންޓް ގޭގެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށާއ، ބާކީ ހުރި 60 ޕަސެންޓް ގެތަކުގެ ހާލަތު ބެލުމަށް ފަހު، މި މަސް ނިމޭއިރު ލިސްޓް އާއްމުކުރަން ފަށާނެ ކަމަށެވެ.