ކޯޓު އަމުރެއްގެ ދަށުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުން މަނާކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ނޫސްވެރިންނަށް މިކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަލީ ވަހީދާއި ގުޅޭގޮތުން ފުލުހުން ބަލަމުން އަންނަނީ ޖިންސީ ގޯނާގެ މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެ ވެސް ބަލައި ފާސްކޮށްފައެވެ. އެގޮތުން އެގެއިން ފުލުހުން ވަނީ އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ މިމަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު މަގާމުން އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ވިދާޅުވި ގޮތުގައި އަލީ ވަހީދު މަގާމުން ވަކި ކުރެއްވީ އަހުލާގީ މައްސަލައަކާއި ގުޅިގެންނެވެ.
އަލީ ވަހީދާއި ގުޅޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޓުއަރިޒަމް މިނިސްޓްރީގައި އޭނާ ހިންގާފައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ސޯލިހުގެ އިތުތުރުން ޖެންޑަރ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައެވެ.
މިއީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!