ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާއިން މިވަގުތު ލީގުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި، ޕޮއިންޓަކާ ގާތަށް ޖެހިލައިފިއެވެ.

ރޭގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ މިވަގުތު ލީގުގެ ސާދަވަނާގައި އޮތް ރެއާލް ވަލަޑޮލިޑާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓްގައި ބާސެލޯނާއަށް ކާމިޔާބު ކޮށްދީފައިވަނީ، މެސީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ މިޑްފީލްޑް ކުޅުންތެރިޔާ ވިޑާލްއެވެ. މުޅިމެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. ނަމަވެސް ވަލަޑޮލިޑުންވަނީ މެޗުގައި ދޭތެރެދޭތެރެއިން ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ވަލަޑޮލިޑުގެ ކީކޭ ޕެރޭޒްއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ. އެ ހަމަލާގެ ހުރަހަކަށް ވެފައިވަނީ ބާސާގެ ކީޕަރެވެ.

ބާސެލޯނާއިން މިމެޗަށް ނުކުމެފައިވަނީ އެ ޓީމުގެ އިތުބާރު އެއް ފޯވާޑް ކަމުގައިވާ ލުސިސް ސުއަރޭޒް ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ސުއަރޭޒްގެ ބަދަލުގައި ބާސެލޯނާގެ ކޯޗު ފުރުޞަތު ދީފައިވަނީ އެ ޓީމުގެ 20 އަހަރުގެ އުންމީދީ ކުޅުންތެރިޔާ ޕުއިގަށެވެ.

ލީގުގެ އެއްވަނާގައި 35 މެޗުކުޅެ 80 ޕޮއިންޓް ހޯދައިގެން އޮތީ ރެއާލް މެޑްރިޑެވެ. ބާސެލޯނާ ދެވަނާގައި އޮތީ ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށްކުޅެ 79 ޕޮއިންޓް ހޯދައިގެންނެވެ. ހޯމަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް، ގްރެނާޑާއާއި ވާދަކުރާމެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.