•  
  •  
  •  
  •  
  •  
  •  
  •  

ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށްބުނެ ވާހަކަދައްކަވަމުން ގެންދާތީ ކަންބޮޑުވާކަމަށާއި، ރަނގަޅު މަޢުލޫމާތު ހޯދައި، ޒިންމާދާރު ކަމާއިއެކު ތެދު މަޢުލޫމާތު ފެތުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި، އަދި އެނޫންވެސް އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ފުލުހުން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭ، ޚާއްސަ
ސަމާލުކަމެއްދީގެން ތަހުގީގުކުރެވެމުންދާ މައްސަލަތަކެއް ކަމަށެވެ.

އެފަދަ ކުށުގެ އަމަލުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ކުށްތަކުން، ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރެވެމުން ދާކަމަށާއި، އެގޮތުން ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ވަކިބަޔަކު ކަނޑައެޅި ގޮތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ބޭނުންވާ ހާއްސަ ހުނަރުތައް ދަސްކޮށްދީ، އެހުނަރުތައް ޒަމާނާއި ކުށާއި ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ތަރައްގީކުރުމާއި، އެފަދަ ތަހުގީގުތައް ހިންގުމުގެ ނިޒާމު
ހަރުދަނާކޮށް، ބޭނުންވާ ވަސީލަތްތައް އިތުރުކުރުމަކީ އަބަދުވެސް ސަމާލުކަންދޭ، އަދި މިހާރު އަމަލުކުރެވެމުންދާ ސްޓްރެޓީޖިކް ޕްލޭންގައިވެސް އިތުރު އިސްކަމެއް ދީފައިވާ ކަންކަން ކަމަށް ފުލުހުން އެބަޔާނުގައި ބުނެފައިވެއެވެ.

” މިބާވަތްތަކުގެ ކުށްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން، މުޖުތަމަޢުގެ އެކިދާއިރާތަކާ ފަރުދުންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގައި މައްސަލަތައް ރިޕޯރޓްކުރެވޭނޭ ފަސޭހަގޮތްތައް ތަޢާރަފްކޮށް، މިފަދަ ކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ތަހުގީގުމަރުހަލާއިން ފެށިގެން ލިބެމުންދާނޭ އިންތިޒާމް ހަމަޖެހި، މިކަންކަން އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އަދި މިއެންމެހާ ކަންކަމަކީ މިދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ބޭރު ގައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެވެސް އެހީތެރިކަމާ އެކު ކުރެވެމުންދާ ކަންކަމެވެ.” އެބަޔާނުގައި ފުލުހުން ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި އިތުރަށް ކުރަން ޖެހިފައި ހުރިކަންކަން ހުރިކަމާއި ނަތީޖާ ހާސިލުވާނޭގޮތަށް އިންތިޒާމުތައް ބަދަލުކޮށް، ގުޅިގެން، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރާކަމަށެވެ. އަދި މުޖުތަމަޢުގައިހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފުހޯދުމާއި އަނިޔާލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ފުލުހުން ތަރުހީބުދެމުންދާ ކަމަށެވެ.

“އެހެން ނަމަވެސް، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާއި ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަންޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށްބުނެ މީޑިއާގެ ބައެއްވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ގެންދާތީ އެކަމާމެދު މިސާރވިސްއިން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ޒިންމާދާރު ގޮތަކީ ކޮންމެކަމެއްގައިވެސް އެކަމެއްގެ ފުރިހަމަ މަޢުލޫމާތު އެކަމަކާ ގުޅޭ ފަރާތްތަކުން ސާފުކުރެއްވުމަށް ފަހުގައި ނޫނީ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކެވުން ކަމަށް މިސަރވިސްއިން ދެކެމެވެ. އަދި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރަ ކުރުން ފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަކަށް އޮތް، މިފަދަ ހައްސާސީ ކަންކަމުގައި، ވަކިން ޚާއްޞަކޮށް، ކަމުގެ ހަގީގަތް ނުއޮޅޭނޭގޮތަށް ވާހަކަދެއްކެވުމަށް އެންމެހާ ފަރާތްތަކަށް މިސަރވިސްއިން އިލްތިމާސްކުރަމެވެ.”

ފުލުހުން ބުނެފައިވެއެވެ.

އެ ބަޔާނުގައި ފުލުންވަނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާކުރުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުމުގައި ފުލުހުންނާއި މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި، އިސް ސަފުގައި މަސައްކަތްކުރަމުން ގެންދާނޭކަމުގެ ޔަގީންކަން ދީފައެވެ. އެއާއިއެކު، އެކި ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ދެވެން އޮތްއެންމެ ފުރިހަމަ އެއްބާރުލުމެއް ފުލުހުންގެ ފަރާތުން ދެމުން ގެންދާނޭ ކަމަށްވެސް ފުލުހުން އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުޑަކުދިންނާއި އަންހެނުންނަށްކުރާ ކުރާ އަނިޔާ އާއި ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރު ވަމުންދާ މިދަނޑިވަޅުގައި، މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ ފުލުހުސް އޮފީހުގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ހުށަހަޅައި ދިނުމަށް ފުލުހުން ވަނީ އެ ބަޔާނުގައި އެދިފައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ