ޙައްޤުގޮތުގައި މާތް ﷲ އަށް ތަޤުވާވެރިވާ މީހަކަށް ކުރިމަތިވެދާނެ ކޮންމެ އުދަގުލަކުން އެމީހަކު ސަލާމަތް ކުރައްވާނޭމަގު އެކަލާނގެ ތަނަވަސްކޮށްދެއްވާނެ ކަމީ އިލާހީ ވަޢްދުފުޅެކެވެ. ތިބާރަގަޅަށް ހަނދުމަކުރާށެވެ! ހަމަކަށަވަރުން ނަޞްރުވަނީ ކެތްތެރިކަމާއި ލާމެހިފައެވެ. އުދަގޫތައްވަނީ ރައްކާތެރިކަމާއެކުއެވެ. އަދި ޔަޤީންކުރާށެވެ! ކޮންމެ އުދަގުލަކާއެކު ފަސޭހަތަކެއްވެއެވެ.

އާދެ! އަދުވެސް އަދި މާދަމާވެސް މި ޙަޤީޤަތަކަށް ބަދަލުއައުމެއް ނުވެއެވެ. ކޮންމެ ބޮޑު އުދަގުލަކަށްފަހު ރައްކާތެރިކަމެއް ވެއެވެ. މިދުނިޔޭގައި ކުރިމަތިވާ ހުރިހާ ދަތިކަމެއް ނިމިގެންދަނީ ފަސޭހައަކަށެވެ! ހެޔޮކަމަކަށެވެ! ބޮޑުވެއްޖެ ކޮންމެ މުޞީބާތެއް ނިކަމެތިވެ ހަފާސް ވެދާ ފަދައިންނެވެ. މުސްލިމުންގެ އީމާނަކަށްވާންޖެހޭނީ މި ވިސްނުމެވެ. މި ޙިކްމަތެވެ.

Ad
rt

މުޞީބާތުގެ ދަނޑިވަޅުގައި މުއުމިނަކާއި އެނޫން މީހެއްގެ މިސާލަކީ ކޮބައިތޯއެވެ؟

އީމާންކަންނެތް މީހެއްގެ މިސާލަކީ ހަރުމުރަނަ ގަހެއްގެ މިސާލެވެ. ގަދަވައިރޯޅިއެއް އަންނަހިނދު ލޮނުންގަޑެއް އަރައި އެގަހުގެ ގޮފިތަކާއި އަސާސު ބިނދި ސުންނާފަތިވެދެއެވެ. މިއާޚިލާފަށް މުއުމިނެއްގެ މިސާލަކީ ޅަދޮޅުމަޑު ގަހެއްގެ މިސާލެވެ. މިގަހަށް ބާރުގަދަވަޔާއެކު ޠޫފާނެއް އަރާ ކޮންމެފަހަރަކު، އޮފިތަކާއެކު ގަސްލެބިލައި މަޑުޖެހިލައެވެ. އެ ޠޫފާން ނިމިދިއުމާއެކު އަލުން ހިންދެމިލައި ތާޒާކަމާއެކު ހެދެމުންދެއެވެ.

އަހަރުމެން މުއުމިނުން ޤަބޫލުކުރާގޮތުގައި މިދުނިޔެއަކީ މަގުހުރަސްކުރާ ފާލަމެކެވެ. ނުވަތަ ވަގުތީ މަންޒިލެކެވެ. ކީރިތި މާތްނަބިއްޔާގެ ޙަދީޘުފުޅެއްގައިވާ ފަދައިންނެވެ.

މިދުނިޔޭގައި އަހަރެންނަކީ ގަހެއްގެ ހިޔަލުގައި އަރާމުކޮށްލަން މަޑުކޮށްލި މީހެއްގެ މިސާލެވެ. އަރާމުކޮށްލެވުމުން އެހިޔާދޫކޮށް ހިގައިދެއެވެ.

މިނޫންގޮތަށް ޤަބޫލުކުރާމީހުންގެ ވިސްނުމަކީ މިދުނިޔެއެއީ އެމީހުންގެ ދާއިމީ މަންޒިލުކަމަށް ޤަބޫލުކުރުމެވެ. މިޙަޔާތަކީ އެމީހުންނަށް ލިބިގެންވާ ހަމައެކަނި ޙަޔާތްކަމުގައި ދުށުމެވެ. މިގޮތަށް ވިސްނަންފެށުމުން، ޙަޔާތުގައި ކިތަންމެ ކުޑަ އުދަގުލެއް ކުރިމަތިވީނަމަވެސް އެއިން ސަލާމަތްވުމަށް އެމީހަކަށް އިންތިހާއަށް އުދަގޫވެދެއެވެ. މީގެއިތުރުން ވަބާއެއް މުޞީބާތެއް ވެރިވެދާހިދެއްގައި ހަދާނެގޮތްހުސްވެ އެތަކެއްގިނަ ބަލިމަޑުކަމެއްގެ ތެރެއަށް މީހާ ވައްޓާލައެވެ.

މުޞީބާތެއް ކުރިމަތިވުމުން ތިބާޢަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟

މުޞީބާތާއި އުދަގުލަކީ މުއުމިނުންގެ އިމްތިޙާނެވެ. ކާމިޔާބުވާ މީހުންނާއި ނާކާމިޔާބުވާ މީހުން ދެނެގަނެވޭނީ އިމްތިޙާނު ކުރެވިގެންނެވެ. އުދަގޫ ވަގުތުތެރޭގައި ދަތުރު ނުކުރާ މީހަކަށް ފަސޭހައިގެ މާނަ ދޭހަނުކުރެވޭނެއެވެ. އާދެ! ޖަވާހިރު ހަދާ އަތްކަންކުރާ މީހާއަށް، ޚާލިޞް ރަން ހޯދޭފަދައިންނެވެ. މަޢުދަންތަކުގެ ތެރެއިން ޚާލިޞްރަން ނެރުމަށްޓަކައި އެހުރިހާ މަޢުދަނެއް އަގުރު އަލިފާނަށްލައި ހޫނުކުރެއެވެ. މިގޮތަށް އެތައްއިރަކު ހޫނުކުރުމުން އާދައިގެ މަޢުދަނުގެ ތެރެއިން ރަން ވަކިވެ ޖަމަޢުވެއެވެ.

އާދެ! ޝައްކެއްނެތެވެ. އެމީހެއްގެ ފެށުމުގައި ހޫނުކަމާއި ވޭން ތަޙައްމަލުކޮށްފިނަމަ އެމީހެއްގެ ނިމުން އަލިވެ އުޖާލާވާނެއެވެ. ވިސްނައި ފިކުރުކުރާށެވެ! އިންސާނުންގެ ތެރެއިން އެންމެމާތްކުރެއްވި އިންސާނުން ކަމުގައިވި،އެންމެހާ ނަބީންނާއި ރަސޫލުބޭކަލުން ވަނީ އެބޭކަލުންގެ ފެށުމުގައި ގިނަގުނަ ވޭނާ އުދަގޫ ތަޙައްމަލުކުރައްވާފައެވެ. ނަތީޖާއަކީ ނިމުން ކާމިޔާބުވުމެވެ. އަލިވެ އުޖާލާވުމެވެ.

މިއާއިވިދިގެން މުޞީބާތުގެ ދަނޑިވަޅުގައި މާތް ﷲއަށް ވަކީލުކޮށް އެކަލާނގެ ޙަޟްރަތުން މަދަދާއި ވާތްގަތް އެދުން ލާޒިމުވެގެންވެއެވެ. ﷲ ސުބްޙާނަޙު ވަތަޢާލާ މާތް ނަބިއްޔާ މުޙައްމަދު ޢަލަހިއްޞަލާތު ވައްސަލާމަށް އަމުރުކުރެއވީ މިފަދައިންނެވެ.

"އަދި ކަލޭގެފާނު، ދިރިދެމިވޮޑިގެންވާ ﷲ އަށް ވަކީލުކުރާ ހުށިކަމެވެ! އެކަލާނގެއީ ފަނާވެނެތިދާނެ ފަރާތެއްކަމުގައި ނުވެއެވެ!"