ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

Ad
rt

ހައްސާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމެއް ފުރުއްވާފައެވެ. އަދި އޭނާ ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ މިނިސްޓަރުކަމުގައި މިނިސްޓަރާއި، ވަރަށް ގާތްކޮށް މަސައްކަތް ކުރަށްވާފައެވެ.

ސަރުކާރު ބަދަލުވުމާއެކު ހައްސާން އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދެއްވައިފައި ވަނިކޮށް އަނބުރާ އެ މިނިސްޓްރީގެ ސިޔާސީ މަގާމަށް ހައްސާން ގެންނެވީ ޢަލީ ވަޙީދު މިނިސްޓަރުކަމަށް ވަޑައިގަތުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރުމުގެ ކުރިން އޭނާ އިސްތިއުފާ ދިނުމަށް ރައީސް ޞާލިޙް ރޭ އެންގެވި ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވައެވެ. ރޭ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގުތު ޖެހުމުން ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށެވެ.

ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިގެން ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން އެ މަގާމުން އޭނާ ވަކި ވަކިކުރެއްވީ މިއަދުއެވެ.