ބ. ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.
އެގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ރިޒް ކުންފުނީގެ މައްޗަށް އިތުރަށް ތުހުމަތު ކުރޭ ކަންތައް ތަކުގެ ގޮތުގައި ފުލުހުން ހާމަކުރަށްވާފައި ވަނީ، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި، އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވެއެވެ.
އަދި އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންގެ ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މުސާރަ ނުދިނުމުގެ ނުތަނަވަސް ކަމުގައި، މިމަހުގެ 2 ވަނަ ދުވަހު ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ. އެމީހުން ހަމަނުޖެހުމަކަށް ދިޔައީ މުސާރަ ނުދީ، އެ ރަށުން ފޭބިޔަވެސްް ނުދީ ތިބޭތާ އެތައް މަހެއް ވީ ފަހުންކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް އެކަމުގެ ޒިންމާ އެކުންފުނިން އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގަ އެވެ. މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް އެގޮތުން ބުންޏެވެ. އެކަމާއި ގުޅިގެން ސީލް މޯލްޑިވްގެ ވަކީލުން މިއަދު ބުނެފައި ވަނީ އެއީ ދޮގެއް ކަަމަށާއި ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދީފައިވާ ކަމަށެވެ.
ފަހުގެ ތާރީހެއްގައި ބިދޭސީންތަކެއް ހިންގި އެންމެ ބޮޑުއެއް ހަމަނުޖެހުމުގެ ތެރެއިން، ދިވެހިންތަކެއް ރަހީނުކޮށްގެން ތިބި ބިދޭސީން ތިބި ބޮޑުފިނޮޅަށް އަރައި، އެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ދިޔަ ފުލުހުންގެ ޓީމް ރަށާއި ކައިރި ކުރުމުން ދަނގަޑާއި ގަލުން ފުލުހުންނަށް ވަނީ ހަމާލާދީފައެވެ.
މާލެއިން ބައެއް ފުލުހުން ގޮސް ހިނގި ހާއްސަ އޮޕަރޭޝަނެއް ހިންގައި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުހެ ހެނދުނުއެވެ. އެ 19 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ކުރިއަށް ގެންދިޔުމަށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެންމެންވެސް މިމަހުގެ 4 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް ފުލުހުން ވަނީ ގިނަ ކުށްތަކެއްގެ ތުހުމަތުތަކެއް އެމީހުންގެ މައްޗަށް އުފުލާފައެވެ. އޭގެތެރޭގައި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކުށްތައް ވެސް ހިމެނެއެވެ. ބަންދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފުލުހުން ބުނީ ރިޒް ޕްރައިވެޓް ލިިމިޓެޑް ކުފުންފުނީގައި މަސައްކަތްކުރާ 190 ބިދޭސީނަށް މުސާރަ ނުލިބޭކަމަށް ބުނެ އެކަމުގެ ރުޅިވެރިކަމުގައި ގެއްލުން ދީފައިވަނީ އެރަށުގައި ހުރި ސީލް މޯލްޑިވްސް ކުންފުނީގެ މުދަލަށްކަމަށެވެ.
މި 19 މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އެމީހުންގެ ހާލަތު ކޯޓުގައި ކިޔައިދީފައެވެ. އޭގެ ތެރެއިން އެކަކު ބުނީ ތަކެއްޗަށް ގެއްލުން ދިން ކަމަށާއި އެކަން ކުރެވުނީ މުސާރަ ނުދޭތާ 6 މަސްދުވަސްވީމައި ގޮތް ހުސްވެގެން ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނީ އާއިލާއަށް ލާރި ނުފޮނުވޭތީ އާއިލާގެ ހާލަތުވެސް ދަށްވެފައިވާ ކަމަށާއި، އާއިލާއިންވެސް ގުޅާކަމަށެވެ.
މީގެއިތުރުން މުސާރަ ނުލިބޭތީ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައިގެން އެ މީހުނަށް ބިރު ދައްކާފައިވާ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ. އަދި މުސާރަ ނުދީ މާލެ ފޮނުވާލާނެ ކަމަށްބުނެ ބުނެ ބައެއް ދިވެހިން ބިދޭސީނަށް ބިރު ދައްކާފައިވާ ކަމަށްވެސް އެމީހުން ބުންޏެވެ.
ބޮޑު ފިނޮޅަކީ ސީލް މޯލްޑިވްސް އިން ތަރައްޤީކުރަމުން އަންނަ ރިސޯޓްކެވެ. އެރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑާއިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!