މި އަހަރުގެ ޙައްޖު ވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސައުދީގެ ކަމާބެހޭ ފަރާތްތަކުން ޙާއްސަ ގަވާއިދު ތަކެއް ވަނީ އިއުލާނުކޮށްފަ އެވެ. އެގައުމުގެ "ނެޝަނަލް ސެންޓަރ ފޯ ޑިސީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް" އިން ނެރެފައިވާ މި ގަވާއިދު ތަކުގައި ހައްޖުވެރިން ސަމާލުވާންޖެހޭ ކަންކަމުގެ އިތުރުން ތަނުގައި މަސައްކަތް ކުރާ ސައްހީ އެހީތެރިންނަށް ހާއްސަ ވަކި ގަވާއިދު ތަކެއް ވެސް ވަނީ ހިމަނާފަ އެވެ.

މީގެ ދެހަފުތާ ކުރިން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖް އެންޑް އުމުރާ އިން ވަނީ ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން މިއަހަރުގެ ހައްޖުވެރިން ގެ އަދަދު މަދުކުރަން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. ހައްޖުގެ އަޅުކަމުގަައި ބައިވެރި ވާން މިވަގުތު ސައުދީގަައި ތިބި ކޮންމެ ގައުމަކަށް ނިސްބަތްވާ މުސްލިމަކަށް ވެސް ފުރުސަތު އޮތް އިރު، ހާޖީން ގެ އަދަދު 10,000 އަށް ވުރެ އިތުރު ނުކުރެވޭނެ ކަން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

ނެރެވުނު އާ ގަވާއިދު ތަކުގެ ތެރޭގައި ހައްޖުވެރިން ތިބޭ އިމާރާތް ތަކާއި ބެހޭ ގަވާއިދު، ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކާއި ބެހޭ ހާއްސަ ގަވާއިދު، ފިރިހެނުން ބޯކޮށާ ތަންތަނުން އަމަލްކުރަން ޖެހޭ ގޮތުގެ އިތުރުން ޖަމްރާއަށް ހިލަ އުކުން އަދި ގެފުޅުގައި ނަމާދު ކުރާއިރު ސަމާލުވާންޖެހޭ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ޖުލައި 19 އިން ފެށިގެން އޮގަސްޓު 2 ގެ ނިޔަލަށް ޙާއްސަ ހުއްދަ އަކާއި ނުލާ މިނާ، މުޒްދަލިފާ އަދި އަރަފާތަށް ދިޔުން ވަނީ މަނާކޮށްފައެވެ.

ހައްޖުވެރިން އަންނައުނު ފަދަ ތަކެތި އެކަކު އަނެކަކަށް ދީގެން ބޭނުން ކުރުމާއި ދުރުހެލިވާން އަނގާފައި ވާއިރު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް ކަންތައް ކުރާ ފަދައިން އެއްފަހަރާ ލިފްޓު ބޭނުން ކުރެވޭނެ މީހުންގެ އަދަދު މަދުކޮށް، މާސްކް އަދި ސެނަޓައިޒާ ބޭނުން ކުރުމަށް މިނިސްޓްރީ އިން ބާރުއަޅައެވެ.

2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު މަދުވާ ގޮތަށް އޮތް އިރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މުސްލިމުން މިކަމާ ހިތާމަ ފާޅު ކުރަމުންދާ މި ދަނޑިވަޅެއްގައި އުމުރާ ވަގުތީގޮތުން މެދުކަނޑާލާފައި ވާކަން ފާހަގަކޮށްލެވެއެވެ.


Ad
rt