އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް އަދި ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ ތ. ގުރައިދޫ/މިޔަވާލި، އުމުރުން 33 އަހަރުގެ، ޙުސައިން ޒާހިނު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިރޭ ފުލުހުން ބުނީ އެމައްސަލައިގެ ތުހުމަތުގައި ޙުސައިން ޒާހިނު ހައްޔަރު ކުރީ 4 ޖުލައި 2020 ވަނަ ދުވަހު (މިއަދު) ކަމަށެވެ. އަދި މިއަދު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށެވެ.

Ad
rt

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

" ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިސަރވިސްއިން އިލްތިމާސް ކުރަމެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް މިސަރވިސްއިން އިލްތިމާސްކުރަމެވެ."

ފުލުހުން މީޑިއާއަށް ފޮނުވި ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ފ. ފީއަލީ/ފީރޯޒްގެ، އުމުރުން 37 އަހަރުގެ، އިބްރާހިމް ޝާފިއުވެސް ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައެވެ.