ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީން ކުރުމާއި ގުޅިގެން ފުލުހުން އެ ރަށަށް އަރައި އެ ދިވެހިން ސަލާމަތް ކުރުމަށް ދިއުމުން އެރަށުގައި ހަމަނުޖެހުން ހިންގި ބިދޭސީން ފުލުހުންގެ ސްޕީޑް ލޯންޗްއަށް ހަމަލަދޭ މަންޒަރު މިވަނީ މީސްމީޑިޔާގައި އާންމުވެފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި މި އެރަށުގެ ޖެޓީއާއި ކައިރި ކުރަން އުޅުނު ލޯންޗަކަށް ބިދޭސީން ދަނޑިބުރިއާއި ލަޓިބުރިތަށް ހިފައިގެން ދުވެފައި ގޮސް ލޯންޗަށް އެއްޗެހި އުކާ މަންޒަރު ފެނެއެވެ. މިހަމަ ނުޖެހުމާއި ގުޅިގެން 19 މީހުން މިއަދު ހައްޔަރުކޮށްފައިވާއިރު މިވީޑިއޯއިން ފެންނަ ގޮތުގައި މިލޯންޗަށް ހަމަލަ ދިނުމުގައި 100 އަށްވުރެ ގިނަ ބިދޭސީން ބައިވެރިވެފައިވާކަން ފާހަގަވެއެވެ.
އެންމެ ފުރަތަމަ އެ މައްސަލަ ހައްލު ކުރުމަށް އެ ރަށަށް ގޮސްފައިވަނީ ބ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންނެވެ. ތުޅާދޫއިން ފުރައިގެން ދޯންޏެއްގައި ގާތްގަނޑަކަށް 50 ފުލުހުން ދިޔަ އެވެ. ނަމަވެސް ދޯނި ބޮޑު ފިނޮޅާ ކައިރި ކުރެވޭ ގޮތް ނުވި އެވެ. ބޮޑުފިނޮޅުގެ ޖެޓީ މަތީގައި ބިދޭސީއިން ދަނގަޑުތައް ތޫނުކޮށްގެން ތިބެ ދޯންޏަށް އުކަމުން ދިޔުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވެ އެ ރަށަށް އެރޭގޮތް ނުވެ ވަނީ އަނބުރާލާފައި ގޮސްފަ އެވެ.
އެ ރަށު ގައި ބިދޭސީން އިހުތިޖާޖު ކުރަމުން ދަނީ ގިނަ ދުވަސްތަކެއް ވަންދެން އެ މީހުންގެ މުސާރަ ދީފައި ނުވާ ކަމަށް ބުނެއެވެ.
ބޮޑު ފިނޮޅުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެރަށުން ފޭބުމަށް މަސައްކަތްކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ފޭބިޔަ ނުދީ ހިފެހެއްޓި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ހެނދުނު 9:30 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!