ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން އެ ކޮމިޝަންގެ 4 މެމްބަރެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދުއޮތް ރައްޔިތުންގެ މަޖިލިސްގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަކި ކުރަން ނިންމި ސީއެސްސީގެ ހަތަރު މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ.

Ad
rt

ސީއެސްސީގައި ފަސް މެމްބަރުން ތިއްބަވާއިރު، ކޮމެޓީގެ ނިންމުމުން ސަލާމަތްވެ ވަޑައި ގަތީ ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާ އެވެ. އާމިރާއަކީ އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. އެކަމަކު، ކޮމިޓީގައި މި މައްސަލައިގައި ނެގި އެއްވެސް ވޯޓެއްގައި ރޮޒައިނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. މިމައްސަލާގައި ނެގުނު ވޯޓުގައި އާމިރާ ކޮމިޝަނުން ވަކިކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ 5 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ. ހަތަރު މެންބަރަކު އެ ގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

އާމިރާ ފިޔަވައި، ސީއެސްސީގެ އެހެން ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކުރިއިރު، އެކަމާ ހިޔާލު ތަފާތުވި ހަމައެކަނި ދެ މެމްބަރުންނަކީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑު) އާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ. އެ ދެބޭފުޅުން ވަކާލާތު ކުރެއްވީ، ކޮމިޝަނުން މެމްބަރުން ވަކިކުރާ ނަމަ ހުރިހާ ބޭފުޅުންނާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށެވެ.

ސީއެސްސީ މެމްބަރުކަމުން ވަކިކުރަން ނިންމި ހަތަރު މެމްބަރުންނާއި ގުޅިގެން މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.

ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވަކިކުރަން ކޮމިޓީން ނިން ނަމަވެސް، އެ މެމްބަރުން ވިކުރެވޭނީ މަޖިލިސް ތަޅުމުގައި ނަގާ ވޯޓުންނެވެ. އެ ވޯޓު ނެގުމުގެ ކުރިން މައްސަލަ ދިރާސާކޮށް ކޮމިޓީން އެކުލަވާލާ ރިޕޯޓަށް ވެސް ތަޅުމުގައި ބަހުސެއް ކުރާނެ އެވެ.

ކޮމެޓީގެ ނިންމުމުން ސަލާމަތްވެ ވަޑައިގެންނެވި އާމިރާ ފިޔަވައި ސީއެސްސީގައި ދެން ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރެއްވި މެމްބަރުންނެވެ. އެ ކޮމިޝަނަށް އާމިރާ އައްޔަން ކުރެއްވީ ޑިސެމްބަރު 2، 2018 ގައި މިހާރުގެ ސަރުކާރުން، ނިމުނު 18 ވަނަ ރައްޔިތުންގެ މަޖިލިސް އިންނެވެ.