ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސް ފަށައިފިއެވެ.

އެ ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ. މި މައްސަލަ ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި 36 މެމްބަރުންގެ ވޯޓުންނެވެ.

Ad
rt

މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލާގައި ބުނެފައިވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް 26 ޖޫން 2020 ވަނަ ދުވަހުގެރޭ ޖިންސީ ގޯނާކުރި މައްސަލައެއްގައި، ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށް، ހިނގާދިޔަ ކަންކަމުގައި ފުލުހުން
އަމަލުކޮށްފައިވާ ގޮތުން އެ މައްސަލައިގައި ޖިންސީ ގޯނާލިބުނު ފަރާތުގެ ޙައްގުތަކަށް އުނިކަމެއް އައިސްފައިވާކަމަށް ބެލެވޭކަމަށެވެ.

" އެ މައްސަލަ ތަޙްޤީޤްކުރުމުގައި ސިޔާސީގޮތުން ބާރުވެރި ފަރާތްތަކެއްގެ ނުފޫޒު ފޯރަމުންދާތީ، މިނިވަންކަމާއެކު މި މައްސަލަ ތަހްގީގުކުރެވިދާނެކަމަށް ނުބެލެވޭތީ އަދި މިފަދަ ކަންކަން ތަކުރާރުވަމުން އަންނަނީ މިކަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހްމާލުތަކެއްވެ ކެއްވެސް އޮވެގެން ކަމަށްވާތީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރުން މިހާރަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފެންނާތީ، މިކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކާ ހުށަހަޅާ މައްސަލައެއް." އެ ކުއްލި މައްސަލާގައި ބުނެފައި ވެއެވެ.

މެމްބަރު ނަޝީދު (މޮސްޓާ) އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުއްލި މައްސަލަ ހުށަހެޅުމަށް ލިބިދޭ އިހްތިޔާރުގެ ދަށުން ނެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލާފައި ވުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލައާއި ގުޅިގެން އެއްވެސް ނުފޫޒެއްނެތި އެމައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެން ފުލުހުން ދޫކޮށްލާފައި ވަނީ ހޮނިހިރު ދުވަހުއެވެ.