ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތި ވެފައިވާ މިދަނޑިވަޅުގައި، ރޭޕާއި ދެކޮޅަށް އަޑު އުފުލަން މާދަމާ ނުކުންނަން " ވޮއިސް އޮފް ޗިލްޑްރެންސް " އިން ނިންމައިފިއެވެ.

ރާއްޖޭގައި ކުރާ ޖިންސީ ގޯނާއާއި، ރޭޕް ކުރުމާއި ދެކޮޅަށް މަސައްކަތްކޮށް އަޑުއުފުލަމުން އަންނަ " ވޮއިސް އޮފް ޗިލްޑްރެންސް " އިން ރޭޕާއި ދެކޮޅަށް އަޑު އުފުލަން ބާއްވާ އެއްވުން ބާއްވަން ނިންމާފައި ވަނީ ޖެންޑަރ މިނިސްޓްރީ ކައިރީކަމަށް އެ ޖަމްޢިއްޔާއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވެއެވެ.

Ad
rt

މިއެއްވުން ބާއްވަން އެ ޖަމްޢިއްޔާއިން ނިންމާފައި ވަނީ މާދަމާ ހަވީރު 16:00 ގައެވެ. މި އެއްވުމުގައި ބައިވެރިވާން ދާ އެންމެން ވެސް މާސްކު އަޅައިގެން ދިޔުމަށާއި، އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށް ވޮއިސް އޮފް ޗިލްޑްރެންއިން ވަނީ އިލްތިމާސްކޮށްފައެވެެ.

މި މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރޭޕާއި ދެކޮޅަށް އަޑު އުފުލާއި އެކަންތައް ކުރާ މީހުންނަށް އަދަބު ދިނުމަށް ބާރުއެޅުމެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލާފައި ވުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލައާއި ގުޅިގެން އެއްވެސް ނުފޫޒެއްނެތި އެމައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފައެވެ.

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެން ފުލުހުން ދޫކޮށްލާފައި ވަނީ އިއްޔެއެވެ.