ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ މައްސަލަ އަލުން ރިވިއު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އޭސީސީއިން މިރޭ ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ފަދައިން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނާ ޙަވާލުކޮށްފައިވާކަމަށެވެ. އެ ލިޔުންތައް މިހާރު ވެސް އެކޮމިޝަނުގައި ހުރިކަމަށް އޭސީސީން ވަނީ ބުނެފައެވެ.

Ad
rt

އަދި މި މައްސަލައަކީ، 11 މޭ 2011 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަޙުޤީޤުކުރަން ފެށި މައްސަލައަކަށްވާއިރު، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދެވޭވަރަށް މަޢުލޫމާތު ނެތްކަމަށް 2018 މޭ 8 ގައި ކަނޑައަޅައި، މައްސަލަ ފައިލްކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

ނަމަވެސް މި މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން މި މައްސަލަ ރިވިއުކުރަން ނިންމިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ ތެެރެއިން ހިންގިކަމަށް ތުހުމަތުކުރާ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ހޯދުމަށް މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ދާދިފަހުން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވައްދާފައެވެ.

ފަލާހު ހުށަހެޅުއްވި މައްސަލައިގައި ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ފައިސާ އަށް ބައްލަވައިގެންފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި އެ ރިޕޯޓު ސަރުކާރުން ހޯދައިދީ މަޖިލީހަށް އެ ރިޕޯޓު ހަވާލު ކޮށްދިނުމަށް ވަނީ އެދިފައެވެ.